ދުނިޔެ

އެއާ ފްރާންސްގެ ބޯޓެއް ތެރެއިން "ބޮމެއް" ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ

މޮރީޝަސްއިން ފްރާންގެ ވެރިރަށް ޕެރިސްއަށް ދަތުރުކުރަމުންދިޔަ އެއާ ފްރާންސްގެ ބޯޓެއް ތެރެއިން "ބޮމެއް" ކަމަށް ބެލެވޭ އެއްޗެއް ފެނުމާ ގުޅިގެން، ބޯޓު އެމެޖެންސީގައި ކެންޔާ މޮންބާސާ ސިޓީގެ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެެވެ.

ބޮމެއް ފެނިގެން ބޯޓު އެމަޖެންސީގައި ކެންޔާގެ އެއާޕޯޓަށް މިއަދު ހެނދުނު ލޭންޑް ކޮށްފައިވާއިރު، އެ ބޯޓުގައި ކުރޫ މެންބަރުންނާ އެކު 500 އަށްވުރެ ގިނަ މީހުން ދަތުރުކުރި އެވެ. ބޮމެއް ކަމަށް ލަފާކުރެވޭ އެއްޗެއް ފެނިފައިވަނީ ބޯޓުގެ ފާހާނަ ތެރެއިން ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ފްރާންސްގެ ނޫސްތައް ބުނާ ގޮތުން، ކެންޔާގެ އެއާޕޯޓަށް ލޭންޑް ކުރުމަށްފަހު ހުރިހާ ފަސިންޖަރުން ވަނީ ބޯޓުން ބާލާފައެވެ. އަދި ބޮން އެކްސްޕާޓުން ބޯޓުން ފެނުނު ޑިވައިސް ތަހުލީލު ކުރަމުންދާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އެއާ ފްރާސްގެ ބޯޓެއްގެ ތެރެއިން ގޮވާޒާތުގެ އެއްޗެއް ފެނިފައިމިވަނީ، ފްރާންސްއަށް ޓެރަރިސްޓުންގެ ހަމަލާ ދޭނެ ކަމުގެ އިންޒާރުތައް ލިބެމުންދާ ދުވަސްވަރެއްގައެވެ. ފްރާންސްގެ ވެރިރަށް ޕެރިހަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ޓެރަރިސްޓް ޖަމާއަތަކުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާގައި 129 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.

ޕެރިހުގެ އެކި ތަންތަނުގައި ދިން ބަޑީގެ ހަމަލާތަކާއި ބޮމުގެ ހަމަލާތަކުގެ ސަބަބުން ފްރާންސްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ. އެ ގައުމު އަދިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ.