ޑރ. މުހައްމަދު މުއިއްޒު

މާލޭގެ ރައްޔިތުން ބޭނުންވަނީ ހައެއްކަހާސް ގޯއްޗެއް ނޫން: މުުއިއްޒު

Feb 3, 2022
4

މާލޭ ރަށްވެހިންނަށް ހައްގުވާ މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓް ނޫން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލާގައި މޭޔަރު ވާހަކަދައްކަވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް އިއުލާންކުރެއްވުމާ ގުޅިގެންނެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން މޭޔަރު ވިދާޅުވީ ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން މިހާރު ވެސް އެބައޮތް ކަމަށެވެ. މީގެއިތުރުން ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި މާލޭގެ ރައްޔިތުންނަށް ދެވޭނެ ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު އިތުރަށް ވިދާޅުވީ ހުޅުމާލެއިން 15،000 ފްލެޓް އަދި ގުޅިފަޅުން 25،000 ފްލެޓް ދެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތަށް ވުރެ ދެއްކޭ ވާހަކަ ގިނަ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށާ ނަމަވެސް އެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިހާރުވެސް ފަސްހާސް ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ދެހާސް ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ. އެ ގޮތުން ހުޅުމާލެ އާއި ގުޅީފަޅުން އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުންވެސް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް އަޅުގަނޑު ނިންމައިފިން. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް ތިޔަ ބޭފުޅުންނާއެކު މިއަހަރު ޖޫންގައި އަޅުގަނޑު ފަށާނަން. އަދި އޭގެ އިތުރަށް ގިރާވަރު ފަޅު ހިއްކާ އެ ބިމުންވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދިނުމަށް ނިންމާފައިވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށެވެ. އެގޮތުން ކައުންސިލުން ހަރަދުކޮށްގެން މާލޭގައި 2،000 ފްލެޓް އަދި ވިލިމާލޭގައި 500 ފްލެޓް އަޅަން ނިންމާފައިވެ އެވެ.

ކައުންސިލްގެ ހައުސިން މަޝްރޫއުތައް ފެށުމަށްޓަކައި އެކަމަށް ހާއްސަކޮށްގެން ކުންފުންޏެއް އުފައްދަން ނިންމާ ރަޖިސްޓްރީ ކުރަން ހުށަހެޅުމުން ތިންމަސް ވެގެން ދިޔައިރު ވެސް ސަރުކާރުން އެކަން ކޮށްދީފައި ނުވާ ކަމަށްވެސް މޭޔަރު މުއިއްޒު މީގެކުރިން ވިދާޅުވެފައިވެ އެވެ.

ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން ހާއްސަ ކުރާ ރަށަކަށް ހެދުމުގެ ގޮތުން ގުޅިފަޅުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައިވަނީ މާލޭގައި އޮތް ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކޮށް އެތަނުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޕޯޓެއް ހެދުމަށްފަހު ގުޅިފަޅުން 600 އަކަފޫޓުގެ 1200 ގޯތި ދޫކުރުމަށެވެ. ނަމަވެސް މުއިއްޒު ގެންދަވަނީ ކައުންސިލް އިންތިހާބުގެ ދުވަސްވަރުން ފެށިގެން ގުޅިފަޅު ބޯހިޔާވަހިކަމަށް ހާއްސަ ރަށަކަށް ހަދައިދިނުމަށް ސަރުކާރަށް އިލްތިމާސް ކުރައްވަމުންނެވެ.