އައްޑޫ ސިޓީ ކައުންސިލް

ރައީސް ސޯލިހު އައްޑޫގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ: މޭޔަރު

Feb 3, 2022

އައްޑޫ ސިޓީގެ ތަރައްގީ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސް އައްޑޫގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މޭޔަރު ނިޒާރު މިހެން ވިދާޅުވީ ރައީސް ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އައްޑޫގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވިދާޅުވި ވާހަކަފުޅުތަކާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށޭ ފާހަގަ އަބަދުވެސް ޖެހެނީ އައްޑޫއިން ކަމަށާއި އައްޑޫ ތަރައްގީ ނުވެ، ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

އައްޑޫގައި ކުރިއަށްދާ މަޝްރޫއުތައް ހިއްސާކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫގެ މަގުތައް ހަދާ، ފެންބޮޑުވުން ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯ މީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އޭގެތެރޭގައި އައްޑޫގެ ފަތުރުވެރިކަމަށް އިތުރުކުރެވޭ ބިން ހިމެނޭނެ ކަމުގައި ވިދާޅުވި އެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭގޮތަށް އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް ހިނގަމުންދާ ކަމަށެވެ.

"މި ހުރިހާ މަޝްރޫއުތަކަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުތަކާ ގުޅިގެން މޭޔަރު ނިޒާރު ވިދާޅުވީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އައްޑޫގައި ވަރަށް ގިނަ މަޝްރޫއުތައް އެކި މަރުހަލާގައި ބާރަށް ހިނގަމުންދާ ކަމަށެވެ. އައްޑޫގެ ރަށްތަކުގައި ހަދަމުންދާ މަގުތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން މިމަހުގެ ތެރޭގައި އެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ފަތުރުވެރިކަމަށް ބޭނުންވާ ފަސް ރަށެއް ހެދޭނެ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތަށް ފަހު ބޯހިޔާވަހިކަމަށް ބޭނުންވާ އިތުރު ބިންތައް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. އައްޑޫގައި 275 ފްލެޓް އެޅުމަށް ބޭނުންވާ ބިން ވަކިކޮށް ސަރުކާރަށް ދޭން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އައްޑޫގައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް މިމަހުގެ ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާ އެކު ސޮއި ކުރި އެއްބަސްވުން ވެސް ފާހަގަކުރެއްވި އެވެ.

"މިކަންކަން ކުރެވެމުން މިދަނީ ސަރުކާރުގެ އެއްބާރުލުމާ އެކު. ރައީސް ސޯލިހުގެ ސަރުކާރުން ކުރަން ބޭނުންވި ސްޕީޑްގައި ބައެއް ކަންކަން ނުދަނީ ކޮވިޑާ ގުޅިގެން ދިމާވި އިގްތިސޯދީ ދަތިތަކާ ގުޅިގެން. އެކަމަކު އަޅުގަނޑަށް ދެންނެވޭވީ ރައީސްގެ މިވެރިކަމުގައި އައްޑޫއަށް ކޮށްދެއްވަން ވިދާޅުވި މުހިއްމު ގިނަ ކަންކަން ކުރިއަށްދާ ކަމަށް،" މޭޔަރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ ރަށްތަކުގެ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހަދާފައިވާ ބަނދަރުތަކަކީ ގާތްގަނޑަކަށް މިސަރުކާރުގައި ކުރި މަސައްކަތް ކަމަށެވެ. އެގޮތުން މީދޫ، މަރަދޫފޭދޫ، މަރަދޫގެ ބަނދަރުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި ހިތަދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ހުޅުދޫ ބަނދަރުގެ 60 ޕަސަންޓް މަސައްކަތް ނިންމާފައިވާ ކަމަށާއި ފޭދޫ ބަނދަރުގެ މަސައްކަތް މިއަހަރު ފެށުމަށް ބަޖެޓްކޮށްފައިވާ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއާ ގުޅޭގޮތުން ނިޒާރު ވިދާޅުވީ އެއާޕޯޓް ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބޮޑެތި މަތިންދާ ބޯޓުތަކުގެ ތެރެއިން ދެ ބޯޓުގެ ޕަސެންޖަރުންނަށް މިހާރު ވެސް އެއާޕޯޓުގައި އެއްފަހަރާ ހިދުމަތް ދެވޭނެ ކަމަށާއި ހިދުމަތް ދެވޭ ނަންބަރުތައް އިތުރުކުރުމުގެ މަސައްކަތް އެއާޕޯޓުގެ ބޯޑާއި ސަރުކާރާ ގުޅިގެން ކުރިއަށްދާ ކަމަށެވެ. އެއާޕޯޓް ތަރައްގީކޮށް އައްޑޫ އަށް ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒު ކަނޑައަޅާ އަދަދަށް ފަތުރުވެރިން ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މޭޔަރު ނިޒާރު އިތުރަށް ވިދާޅުވީ އައްޑޫގެ ލިންކްރޯޑާ ގުޅިފައިވާ ހަންކެނޑެ، ލިންކްރޯޑުން ވަކިކޮށްލައި، އެ ރަށުގައި 1،000 ރޫމް ހަދައި 2،000 އެނދު ފަތުރުވެރިކަމަށް ނެރުމުގެ މަސައްކަތް ސަރުކާރާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން ބާރަށް ކުރިއަށްދާ ކަމަށެވެ.

"ރައީސްގެ ރިޔާސީ ބަޔާނުގައި އެ ވިދާޅުވި ކަންކަން އައްޑޫގައި އެބަހިނގާ. ރައީސް އެ ވިދާޅުވި ގޮތަށް ކަންކަން ހިނގާނެ ކަމަށް އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ގަބޫލުކުރެވޭ،" ނިޒާރު ވިދާޅުވި އެވެ.