އީޕީއޭ

މަތިކޮމަންޑޫ ހިއްކަން ހެދި އީއައިއޭ ގަވައިދާ ހިލާފު: ޑްރެޖިން އެސޯސިއޭޝަން

ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ ގޮތުން ބިން ހިއްކަން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްސްމަންޓް (އީއައިއޭ) ހެދީ ގަވައިދާ ހިލާފަށް ކަމަށް މޯލްޑިވްސް ޑްރެޖިން އެސޯސިއޭޝަނުން ބުނެފި އެވެ.

އެ އެސޯސިއޭޝަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަތިކޮމަންޑޫ ހިއްކަން އީއައިއޭ ހެދިއިރު މި ދެ ރަަށުގެ ވަށަައިގެން ރާޅުތައް ހުންނަ ގޮތް ސާވޭ ކޮށްފައި ނުވާ ކަމަށާއި އަދި މީގެ ސަބަބުން އަލަށް ހިއްކާ ބަޔާއި އަދި ކޮމަންޑޫގެ ގޮނޑުދޮށް ސަރަހައްދަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ.

އީއައޭ ރިޕޯޓް ހެދިއިރު ކޮމަންޑޫގެ އުތުރު ސަރަހައްދުން ވެލި ނަގަން ރިޕޯޓެއް ތާއްޔާރުކުރާނެ ކަމަށް ކުރިން ބުނެފައި އޮތް ނަމަވެސް ވެލި ނަގަން ފެށީ ރ. އުނގޫފާރު ބިން ހިއްކުމަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުން ކަން ވެސް އެސޯސިއޭޝަންގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

މަތިކޮމަންޑޫ ހިއްކަންވެގެން ރ. އަތޮޅުން ވެލި ނަގަންވެގެން ފަހުން އެކުލާވަލައި ފާސްކުރި އެޑިނަމް ރިޕޯޓްގައި ވެސް މައްސަލަ ހުރިކަން އެސޯސިއޭޝަނުން ފާހަގަކުރެ އެވެ. އެގޮތުން ދެ ކޮމަންޑޫ ގުޅާލުމަށް ހެދި އީއައިއޭ ރިޕޯޓްގެ 80 ޕަސެންޓް މައުލޫމާތަކީ އުނގޫފާރުގެ ބިން ހިއްކުމާ ގުޅޭ ގޮތުން ހެދި އީއައިއޭއާ ގުޅޭ މައުލޫމާތުތަކެއް ކަންވެސް ފާހަގަކޮށްފައި ވެއެވެ.

ޑްރެޖިން އެސޯސިއޭޝަނުން ބުނީ އުނގޫފާރުގެ ބިން ހިއްކަންވެގެން އީއައިއޭ ހެދީ މިދިޔަ އަހަރުގެ އެޕްރީލް މަހާއި މޭމަހުގެ ތެރޭގައި ކަމަށާއި އަދި ފަހުން އެއްވެސް ފީލްޑް ސާވޭއެއް ނުހަދާ ކަމަށެވެ. ބިން ހިއްކަން ވެލިނަގަން ވެގެން ރ. އަތޮޅު ކައުންސިލާ އެއްވެސް ވަރަކަށް ވާހަކަ ދައްކާފައި ނުވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 2012 ވަނަ އަހަރު ހެދި އީއައިއޭގެ ގަވައިދުތަކާ ހިލާފަށް ކަމަށާއި އެފަދަ އީއައިއޭތައް އީޕީއޭއަށް ފާސް ނުކުރެވޭނެ ކަމަށްވެސް އެސޯސިއޭޝަނުން ބުނެ އެވެ.

މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށް 249.9 މިލިއަން ރުފިޔާ އަށެވެ

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗުކުރުމަށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގަ އެވެ