ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

500 މީހުން ހިމެނޭ ކޮންމެ ރަށެއްގައި އޭޓީއެމް ބަހައްޓަނީ

Feb 3, 2022

ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން އާބާދީގައި 500 ހަމަވާ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ށ. މަރޮށްޓަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ އާބާދީގައި 500 ހަމަވާ ކޮންމެ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމް ބަހައްޓާ އެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މަރޮށި ކަހަލަ ކުދި އާބާދީތައް ހިމެނޭ ރަށްރަށަށް ވަޑައިގަތުމުން އޭޓީއެމް ނެތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ޝަކުވާއާއި ކަންބޮޑުވުން ރައްޔިތުން އެމަނިކުފާނާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ޕްލޭނެއް އެބައޮތް ކަމަށާއި ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ މިއަހަރު ނިމުމުގެ ކުރިން 500 ހަމަވާ ކޮންމެ ރަށެއްގައި އޭޓީއެމް ހުންނާނެ ކަމަށެވެ.

"މަރޮއްޓަށް ބޭނުންވާ އެ ހިދުމަތް ވެސް މި އަހަރުގެ ތެރޭގައި ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އާބާދީ ކުޑަވުމާ ގުޅިގެން ވަކި ރަށެއް ތަފާތުކޮށްގެން ހިދުމަތް ދިނުމަކީ އެމަނިކުފާނުގެ ވިސްނުމެއް ނޫން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އެއް ހަމައަކުން ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޭޓީއެމް ބަހައްޓާ އެ ހިދުމަތް އެންމެ ފުޅާކޮށް ރާއްޖޭގައި ފޯރުކޮށްދެނީ ގައުމީ ބޭންކް -- ބޭންކް އޮފް މޯލްޑިވްސް އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ބީއެމްއެލްގެ 135 އޭޓީއެމް ބަހައްޓައިގެން ހިދުމަތް ދެމުން ގެންދެ އެވެ.

ބީއެމްއެލް އިން މިހާރުވެސް ގެންދަނީ އޭޓީއެމް ބެހެއްޓުމަށްޓަކައި ބައެއް ރަށްތަކުގައި މަސައްކަތްތަކެއް ކުރަމުންނެވެ.