ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ އިސްކަން ދިނީ ދީނުގެ ސައްހަ މައުލޫމާތު ދިނުމަށް: ރައީސް

Feb 3, 2022
3

ސަރުކާރުން މިދިޔަ އަހަރު އެންމެ އިސްކަންދިން ސިޔާސަތަކީ މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ މައުލޫމާތު، ދިވެހިންގެ ހިތްތަކުގައި އަށަގެންނެވުމާއި، އިސްލާމީ ރިވެތި އަދަބު އަހްލާގުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ އިސްލާމީ ތަރިކައާއި ދީނުގެ ސައްހަ އަގީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާކުރުމުގެ އަސްލު ކަމަށެވެ. އެ އުސޫލުގެ ދަށުން މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިނުމާއި، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދީނުގެ ނަމުގައާއި، ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ސައްހަ އަގީދާ ހާމަކޮށްދިނުމުގައި، ދީނީ ޢިލްމުވެރިންގެ އެހީގައި މި އަހަރު "ނެޝަނަލް މޮޑެރޭޝަން ކެމްޕެއިން"ގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ. އިމާމުންނާއި މުދިމުންނަށް އިސްލާމީ ތައުލީމުގެ ރޮނގުން ޑިގްރީ ހޯދައިދިނުމަށް 290 މީހުން ތައުލީމީ މަރުހަލާ ފުރިހަމަކުރަމުން ކަމުގައިވެސް ވިދާޅުވި އެވެ. އަދި ގުރުއާން މުދައްރިސުން ބިނާކުރުމަށް މިދިޔަ އަހަރު 1,599 މީހުން ތަމްރީނުކޮށް ނިންމާލެވުނު ކަމަށްވެސް ފާހަގަކުރެއްވި އެވެ،

"ދިވެހި ގައުމިއްޔަތު ބިނާވެ، ދިރިދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދުމެ ސަރުކާރު މިއޮތީ ސަމާލުވެ ހޭލާ. މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިގުލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުސަތެއް ނުދޭނެ. ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި، ހަތުރުވެރިކަމާއި، އަދާވާތްތެރިކަމަކަށް ވެރިވެއެއް ނުގަނެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއިން ވެސް ސާބިތުވެގެން ދިޔައީ މުޖުތަމައުގެ ތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިން ކަމަށެވެ. ދީނުގެ ނަމުގައި ހިންގާ ނުރައްކާތެރި އަދި އަނިޔާވެރި އަމަލުތައް އެނގި ހާމަވީ، އެފަދަ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާއި ބުރަކަން ކަމުގައިވެސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުގެ ހަނދާނަށް އަންނަނީ، 6 މޭ 2021 މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާ. ރައްޔިތުންނަށްޓަކައި މަނިކުފާނު ކުރެއްވި މަސައްކަތްޕުޅަކީ މިސާލެއް. މާތް ﷲގެ އޯގާވަންތަކަމާއި ރަހްމަތްފުޅުން މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވުމަކީ، ރާއްޖޭގެ ޑިމޮކްރަސީ އަށް ލިބުނު އިތުރު ދިރުމެއް. ރާއްޖޭގެ އިންސާނީ ހައްގުތައް ދިރުވައި އާލާކުރުމަށް ލިބުނު އިތުރު ހަކަތައެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ހައްޖާއި އުމްރާއާއި، ވަގުފުގެ ކަންކަމާއި އަދި ޒަކާތާ ބެހޭ ގާނޫނުތައް އެކުލަވައިލައި، މިއަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފަރުމާގެ އާ މިސްކިތްތައް ބިނާކުރުން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ދީނީ ކަންކަމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ދީނާ ފުށުއަރާ ގޮތަށް ބައެއް މީހުން އަމަލުކުރާއިރު އެފަދަ މީހުންނަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާ ކަމުގެ ތުހުމަތު ބައެއް މީހުން ސަރުކާރަށް ކުރެ އެވެ.