ފެނަކަ ކޯޕްރޭޝަން

ފޯކައިދޫ އާ އިންޖީނުގެ ހުޅުއްވައިދެއްވައިފި

Feb 3, 2022

ށ. ފޯކައިދޫގެ އާ އިންޖީނުގެ އާއި ފެނަކައިގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

ފޯކައިދޫ ފެނަކަ އާ އޮފީހުގައި ބޭއްވި މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި، ފެނަކައިގެ އިސްވެރިންނާއި، ފޯކައިދޫ ކައުންސިލްގެ ބައެއް ބޭފުޅުންނާއި އެރަށު ބައެއް ރައްޔިތުން ވެސް ބައިވެރިވި އެވެ.

މިރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ރަނގަޅު ފެންވަރުގެ ކަރަންޓްގެ ހިދުމަތް ކޮންމެހެން ބޭނުންވެފައިވާ ރަށްތަކަށް ޒަމާނީ ވަސީލަތްތަކާ އެކު އާ އިންޖީނުގެތައް ހަދައިގެން އަވަހަށް ހިދުމަތް ފޯރުކޮށްދެވެމުން ދަނީ ފެނަކައިގެ އެމްޑީ އާއި ފެނަކައިގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރުގައި 39 ރަށެއްގައި މުޅިން އަލަށް ޒަމާނީ އިންޖީނުގެތައް ގާއިމުކޮށް މިހާރު ހިދުމަތް ދެމުންދާ ކަމަށެވެ. އަދި އިތުރު 31 ރަށެއްގައި އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް ބާރަށް ހިނގަމުންދާ ކަމަށެވެ.

ފޯކައިދޫ އަށް އެންމެ ފުރަތަމަ ކަރަންޓް ދޭން ފެށީ މީގެ 26 އަހަރު ކުރިން 1994 ވަނަ އަހަރު އޭރުގެ ވަޒީރަކަށް އެ ރަށު ރައްޔިތުންގެ ފަރާތުން ދަންނަވައިގެން އެ ރަށަށް ފޮނުވި އެއް އިންޖީނުންނެވެ. އެކަމަކު މިރޭ ފޯކައިދޫ އާ އިންޖީނުގެ ހުޅުވާ ހިދުމަތް ދޭން ފެށުމާ އެކު ރަށު ތެރޭގައި ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ކުރިން ހުރި ބާއިންޖީނުގެއިން އަރަމުން ދިޔަ ކަޅު ދުމާއި ގެދަބުޅިން ރައްޔިތުންނަށް މިދިޔަ 26 އަހަރު ލިބެމުން ދިޔަ އުދަގޫތަކުން އެވަނީ ސަލާމަތްވެފަ އެވެ.

ފެނަކައިން ބުނީ ފޯކައިދޫ އާ އިންޖީނުގޭގައި 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ. ފޯކައިދޫގައި ކަރަންޓުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އާކުރުމަށް 3،000 މީޓަރުގެ ކޭބަލް ވަޅުލައި ހަތަރު ޓްރާންސްފޯމަރު ބަހައްޓާ ހައިވޯލްޓޭޖު ވިއުގަ އަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ފެނަކައިން އިތުރަށް ބުނީ އެ ކުންފުނިން މިހާރު އަޅަމުންދާ އިންޖީނުގެތަކަކީ އަދި ޑިސްޓްރިބިއުޝަން ނެޓްވޯކަކީ ކުރިއަށް އޮތް 50 އަހަރަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ ތަންތަން ކަމަށެވެ. އަދި ފާއިތުވި 70 އަހަރުން ހޯދުނު އަތޮޅުތެރޭގެ ކަރަންޓުގެ ޖުމްލަ ކެޕޭސިޓީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ދެގުނަ ކުރެވިފައިވާ ކަމަށްވެސް ފެނަކައިން މައުލޫމާތު ދީފައިވެ އެވެ.

ފޯކައިދޫ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މިސަރުކާރުގައި ފެށީ ރާއްޖޭގެ އެކި ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު މީހުން ދިރިނޫޅޭ އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

ފޯކައިދޫ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނޮވެމްބަރު 13، 2019 ގައެވެ. ފެނަކައިން 5.6 މިލިއަން ރުފިޔާ އަށް އެ މަޝްރޫއު ހަވާލުކުރީ
ވަލީދު ކޮންސްޓްރަކްޝަނަށެވެ.