ބޮލީވުޑް

އެކްތާގެ އާ ރިއަލިޓީ ޝޯ "ލޮކް އަޕް"ގެ ހޯސްޓަކަށް ކަންގަނާ

އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ އާ ރިއަލިޓީ ޝޯ "ލޮކް އަޕް" މިދޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ.

ޝޯ އިއުލާންކުރަމުން އެކްތާ ބުނެފައިވަނީ ޝޯގެ ހޯސްޓަކީ ކަންގަނާ ރަނާވަތު ކަމަށެވެ.

އަލްޓް ބާލާޖީ އާއި މެކްސް ޕްލެޔާ އިން ސްޓްރީމްކުރާ މި ޝޯގައި ހާމަކުރާނީ މުޅިން ވެސް ތެދު ހަގީގަތް ކަމަށާއި އޭގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ރުޅިއާއި ފާޑުކިޔުން ޝޯއަށް ކުރިމަތިވާނެކަމަށް އެކްތާ ގަބޫލު ކުރެ އެވެ.

"ބިގް ބޮސް" ސްޓައިލްގެ މި ޝޯގައި ބައިވެރިން ތިބޭނީ "ޖަލެއްގައި" ބަންދުކޮށްފަ އެވެ. މި މީހުން ޖަލުން ނެރުމުގެ ބާރު އޮންނާނީ ހަމައެކަނި ޝޯގެ ހޯސްޓަށެވެ.

"ލޮކް އަޕް" އިއުލާންކުރުމުގެ ރަސްމިއްޔާތުގައި އެކްތާ އާއި ކަންގަނާ ބައިވެރިވެ ޝޯއާ ބެހޭ ގޮތުން ވާހަކަ ދެއްކިޔަސް ޝޯގެ ފޯމެޓަކީ ކޮބައިކަން އެމީހުން ހާމައެއް ނުކުރެ އެވެ.

އެކްތާ ބުނި ގޮތުގައި ޝޯ ފަށާނީ 16 ބައިވެރިޔަކު ޖަލުގައި ބަންދު ކުރުމުންނެވެ. މި ހުރިހާ ބައިވެރިންނަކީ ވެސް މަޝްހޫރު ފަންނާނުންނަށް ވާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ މީހުންގެ ތެރެއިން ޖަލުން ނެރޭނެ މީހުން ނިންމާނީ ހޯސްޓް ކަންގަނާ ކަމަށް ވެސް އެކްތާ ބުންޏެވެ.

އެކްތާ ބުނި ގޮތުގައި އޭނާގެ މި ރިއަލިޓީ ޝޯއަކީ އަމިއްލަ ޚިޔާލެކެވެ. އެއްވެސް ގައުމަކުން ދައްކާ އެއްވެސް ޝޯއެއްގެ ކޮޕީއެއް ނޫނެވެ.

"ފާއިތުވީ ދެ އަހަރު ތެރޭ ގިނަ ބަޔަކަށް އޮންނާނީ އެފްއައިއާރް އަކީ ކޮބައިކަމާއި ލީގަލް ފީ އަކީ ކޮބައިކަން އެނގިފައި. އަދި އެކި މީހުން ޖަލަށް ލައިގެން ކުރި ތަޖުރިބާތައް ވެސް އޮންނާނީ އެނގިފައި. މި ޝޯގައި ވެސް ދައްކާނީ ހަމަ އެ ކަހަލަ ކަންތައްތަކެއް. މީހަކާ ދެކޮޅަށް ބަޔަކު ޝަކުވާއެއް ހުށަހެޅުމުން ދެން ކަންތައްތައްވާ ގޮތް ޝޯގައި ފެންނާނީ. އެފްއައިއާރް ހުށަހެޅުމާއި ޖަލަށް ލުން އަދި ކަފާލާތުގެ ދަށުން މީހުން މިނިވަންވާ ތަން ވެސް ޝޯގައި ފެންނާނެ،' އެކްތާ ބުންޏެވެ.

ކަންގަނާ ބުނި ގޮތުގައި އޭނާގެ ހަޔާތުގައި ވެސް ވަރަށް ގިނަ މައްސަލަތަކާއި ކުރިމަތިވެފައި ވެއެވެ. އެހެންކަމުން އޭގެ ހަގީގަތްތައް ބެލުންތެރިންނާ ޝެއާކުރަން އޭނާ ތައްޔާރެވެ. އަދި ޖަލަށް ލާ ހުރިހާ ބައިވެރިން ވެސް އެމީހުންނާ މެދު ކުރެވިފައިވާ ތުހުމަތުތަކުގެ ހަގީގަތް ކިޔައިދޭނެ ކަމަށް ކަންގަނާ ބުންޏެވެ.

"މި ޝޯ ކާމިޔާބުކުރާ މީހަކީ ކޮންމެހެން އެންމެ ރަނގަޅު މީހާއަކަށް ނުވާނެ. ކިތަންމެ ގޯސް ކަންތައްތަކެއް ކުރެވިފައި ހުއްޓަސް ތެދަށް ވާހަކަ ދައްކާ މީހަކަށް ޝޯ ކާމިޔާބު ކުރެވޭނީ،" ކަންގަނާ ބުންޏެވެ.

އެކްތާ ބުނި ގޮތުގައި މި ޝޯ ދައްކަން ފަށާނީ ފެބްރުއަރީ ނިމޭހާ ތާނގަ އެވެ. އަދި އޯޓީޓީ ދެ ޕްލެޓްފޯމަކުން އެއް ފަހަރާ މި ޝޯ ދައްކާނެ ކަމަށާއި މިއީ މިގޮތަށް ޝޯއެއް ދައްކާ ފުރަތަމަ ފަހަރުކަމަށް ވެސް އެކްތާ ބުންޏެވެ.