ބޮލީވުޑް

ދުވަހަކު ނުވާ ވަރަށް ދަރަނިވެރިވެއްޖެ: ކަރަންވީރް

ވަރަށް ގިނަ ޓީވީ ސިލްސިލާތަކުގައި ލީޑް ރޯލު ކުޅެފައިވާ އެކްޓަރު ކަރަންވީރް ބޮހްރާ ވަރަށް ބޮޑަށް ދަރަނިވެރި ވެފައިވާ ކަމަށް ބުނެފި އެވެ. ކަންގަނާ ރަނާވަތުގެ ރިއަލިޓީ ޝޯ "ލޮކް އަޕް" ގައި ބައިވެރިވެ އެ ޝޯއަށް ޚާއްސަކޮށް ހަދާފައިވާ ޖަލުގައި ގައިދީއެއްގެ ގޮތުގައި މިވަގުތު އުޅެމުންދާ ކަރަން ބުނީ ފާއިތުވީ ހަތް އަހަރު ދުވަހުއްސުރެ އޭނާއަށް ރަނގަޅު ރޯލެއް ކުޅެން ނުލިބި އަތްމަތި ދަތިވަމުން ގޮސް ދަރަނިވެރިވީ ކަމަށެވެ. އަދި މި ދުވަސްތަކުގެ ތެރޭގައި މީހުން ހީކުރާ ގޮތަށް އޭނާގެ އެކްޓިން ކެރިއަރު ނުދާ ކަމަށް ވެސް ކަރަން ބުންޏެވެ.

ޝޯގެ އެހެން ބައެއް ބައިވެރިން ކަމަށްވާ ސާރާ ޚާން އާއި ސައިޝާ ޝިންޑޭ އަދި ގީތާ ޕޯގަޓް އާއެކު މި ވާހަކަތައް ހިއްސާ ކުރަމުން ކަރަންވީރް ބުނި ގޮތުގައި އޭނާ ދަރަންޏަށް ފައިސާ ނަގާފައިވާ ބައެއް މީހުން މިހާރު އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަތައް ހުށަހަޅައިގެން އުޅޭ ކަމަށެވެ. އެގޮތުން 3-4 މީހަކު އޭނާ އަތުން ފައިސާ އަނބުރާ ހޯދަން ދައުވާ ކުރަމުންދާ ކަމަށް ވެސް ކަރަންވީރް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފާއިތުވީ އެތައް އަހަރަކުއްސުރެ އޭނާ ކުރި ހުރިހާ މަސައްކަތެއްގެ ފައިސާ ދޭން ޖެހުނީ ދަރަންޏަށް ފައިސާ ނަގާފައިވާ މީހުންގެ ދަރަނި އަދާކުރާށެވެ.

"އަހަރެންގެ އާއިލާއާ މެދު އަހަރެން ވަރަށް ދެރަވޭ. އަހަރެންގެ އަންހެނުން ޓީޖޭ އާއި ދަރިން އަދި މައިންބަފައިން ނެތްނަމަ އަހަރެންނަށް މިހާރު ވާނެ ގޮތެއް ބުނެދޭން ވެސް ނޭނގޭ. އެހާ ބޮޑަށް އަހަރެން މި ވަނީ ދަރާ ވިކިފައި،" ކަރަންވީރް ބުންޏެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ "ލޮކް އަޕް" އަކީ އޯޓީޓީ ޕްލެޓްފޯމެއްގައި ދައްކާ ރިއަލިޓީ ޝޯ އެކެވެ. މި ޝޯ ބޮޑަށް ވައްތަރީ ރިއަލިޓީ ޝޯ "ބިގް ބޮސް" އާއެވެ. "ބިގް ބޮސް"ގައި ގެއެއްގައި ބަޔަކު ބަންދުކޮށްގެން ގެންގުޅޭ ގޮތަށް މި ޝޯގައި ބަންދުކޮށްފައި ތިބެނީ ޖަލެއް ހެން ހަދާފައިވާ ތަނެއްގަ އެވެ.
ޝޯ ފެށުނުއިރު ގިނަ ބަޔަކު ހީކުރީ އެހާ ބޮޑު ތަރުހީބެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް ހީކުރިވަރަށް ވުރެ ޝޯ މާކާމިޔާބެވެ. އަދި ގިނަ ރެކޯޑްތަކެއް މިހާރު މި ޝޯ ދަނީ މުގުރަމުންނެވެ.

ކަރަންވީރް ކުޅެފައިވާ މަޝްހޫރު ސިލްސިލާތަކުގެ ތެރޭގައި "ކަސޯޓީ ޒިންދަގީ ކޭ" "ދިލް ސޭ ދީ ދުއާ: ސޯބާގްޔާވަތީ ބަވާ؟" "ޝަރާރަތު"، "ނާގިން 2" އަދި "ގަބޫލު ހޭ" ހިމެނެ އެވެ.