ބޮލީވުޑް

ކަންގަނާގެ "ލޮކް އަޕް" ކާމިޔާބުކުރީ މުނައްވަރު ފާރޫގީ

ކަންގަނާ ރަނާވަތު ހޯސްޓް ކުރި އޯޓީޓީ ޕްލެޓްފޯމް ޝޯ "ލޮކް އަޕް" ގެ ގްރޭންޑް ފިނާލޭ ރޭ ވަނީ ބާއްވާފަ އެވެ. ގްރޭންޑް ފިނާލޭގައި އިއުލާން ކުރި ގޮތުގައި މިފަހަރުގެ ޝޯ ކާމިޔާބުކުރީ ކޮމޭޑިއަން މުނައްވަރު ފާރޫގީ އެވެ.

މަޝްހޫރު ޝޯ "ބިގް ބޮސް" ސްޓައިލްގެ މި ޝޯގައި އެއްވަނަ އަށް ދާ ފަރާތަށް ލިބޭ ޓްރޮފީއަށް ވާދަކުރީ މުނައްވަރާއި ޕާޔަލް ރޯހަތުގީ އެވެ. މި ޝޯ ކާމިޔާބު ކުރުމުން މުނައްވަރަށް 20 ލައްކަ ރުޕީސް އާއި އިޓަލީ ދަތުރަކާއި ކާރެއް އިނާމަކަށް ލިބިފައި ވެއެވެ.

މި ޝޯގައި ވާހަކަ ދައްކަމުން ހޯސްޓް ކަންގަނާ ބުނީ އާ ސީޒަނަކާއެކު ވަރަށް އަވަހަށް ބެލުންތެރިންނާ ބައްދަލު ކުރާނެ ކަމަށެވެ. އަދި ދެން ފެށޭ ސީޒަން މި ސީޒަނަށް ވުރެ މާ ޝައުގުވެރިވާނެ ކަމަށެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ މި ޝޯ ފެށިއިރު މާ ބޮޑު މަގްބޫލުކަމެއް ހޯދޭނެ ކަމަކަށް ގިނަ ބަޔަކު ހިއެއް ނުކުރެ އެވެ. ނަމަވެސް ކަންގަނާގެ ހޯސްޓް ކުރުމުގެ ގާބިލް ކަމާއި ޝޯގެ ބައިވެރިންގެ ހަޔާތުގައި ދިމާވެފައިވާ ކަމަށް ކިޔައިދިން އަސަރުގަދަ ގިނަ ވާހަކަތަކެއްގެ ސަބަބުން ބެލުންތެރިންގެ ސަމާލުކަން ޝޯ އަށް ލިބުނީ އެވެ.

މިހާރު ގިނަ ބަޔަކު ބުނަނީ ސަލްމާން ހާން ހޯސްޓްކުރާ "ބިގް ބޮސް" އަށް ވުރެ ހުރިހާ ގޮތަކުން ވެސް "ލޮކް އަޕް" މާ މޮޅުވެފައި ޝައުގުވެރި ކަމަށެވެ.

"ބިގް ބޮސް" ގައި ބައިވެރިން ތިބެނީ ގެއެއްގައި ބަންދު ކޮށްފަ އެވެ. "ލޮކް އަޕް" ގައި ބައިވެރިން ތިބެނީ ޖަލެއްގަ އެވެ.

"ލޮކް އަޕް" ދައްކަން ފެށީ މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. އަދި މޭ އަށެއްގައި ނިންމާލާފައި ވަނީ 10 ހަފުތާ ފަހުންނެވެ. އޮންލައިންކޮށް ދެއްކި މި ޝޯ އަށް 500 މިލިއަން ވިއުޒް ލިބިފައި ވެއެވެ. މިކަމުން ވެސް ޝޯގެ މަގްބޫލުކަން ވަނީ ހާމަވެފަ އެވެ.