ލައިފްސްޓައިލް

ފުއްޕާމޭގައި ހެދިފައިވާ ދަވަތައް ފިލުވާލަން އުނދަގޫތަ؟

ރޯގާޖެހި ކެއްސުމަކީ މޫސުމީ ބަދަލުތަކުން ވެސް ގިނަ ބަޔަކަށް ތަހައްމަލުކުރަން ޖެހޭ އުނދަގޫ ތަކެކެވެ. ބައެއް މީހުންނަށް ރޯގާ ޖެހި މޭގައި ރޯގާ ހިފުމުގެ ސަބަބުން ކެއްސާތީ އެތައް ދުވަހެއް ވަންދެން އެކަމުން ސަލާމަތް ނުވެގެން އުޅެން ޖެހެ އެވެ.

އަރިދަފުސް މޭގައި ތަތްވުމުން ނޭވާލާން ދަތިވެގެން ވެސް ބައެއް މީހުން އުޅެން ޖެހެ އެވެ. ރޯގާ ޖެހި ކެއްސަން ފެށުމުން އާއްމުކޮށް މިބަލި ބައްޔަށް ހުންނަ ބޭހަށް ނުގުޑާކަމުގެ ޝަކުވާ ވެސް ބައެއް މީހުން ކުރެ އެވެ.

މާބޮޑަށް މޭގައި އަރިދަފުސް ތަތްލައި ކެއްސާވަރުން އަނގަ ލައްޕާނުލެވިގެން އުޅޭ މީހުންނަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ބައެއް ފަރުވާތައް ހުރެ އެވެ. ތަޖުރިބާކާރުން ބުނަނީ މި ފަރުވާ ތަކަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކަހަލަ ސައިޑް އިފެކްޓްސްތައް ނުހުންނަ ފަރުވާ ތަކެއް ކަމަށެވެ.

ލޮނު ފެނުން ކަރުތެރެ ދޮވުން – މާބޮޑަށް ކަރުގައި ރިއްސާ މޭގައި އަރިދަފުސް ހިފައިފައި ވާނަމަ ތާފަނާ ފެނަށް ދެ އިނގިލިކުރިން ނެގޭވަރުގެ ލޮނުކޮޅެއް އަޅާ ގިރާލައިގެން އެ ފެނުން ދުވާލަކު ދެ ތިން ފަހަރު ކަރުތެރެ ދޮވުމުން ވަރަށް ބޮޑަށް ލުއި ވެއެވެ.

ރޯ ރީނދޫ: ރޯ ރީނދުލަކީ ވެސް އަރިދަފުސް ރޯގާ މޭގައި ތަތްވެފައި ހުރިނަމަ ބޭނުންކުރެވިދާނެ ވަރަށް ރަނގަޅު އެއްޗެކެވެ. ރޯ ރީނދޫގެ ދިޔަ ނަގައި ކަރު ބުޑަށް ދެ ތިން ތިކި ޖަހާށެވެ. ދެން އިރުކޮޅެއް ވަންދެން ތަނެއްގައި މަޑުމަޑުން އިންނާށެވެ. ނޫނީ ތާފަނާ ފެނަށް ރީނދޫ ދިޔަކޮޅެއް އަޅައި އެއްކޮށްލައިގެން އެ ފެނުން ކަރުތެރެ ގާގްލް ކުރުން (ދޮވުން) ވެސް ރަނގަޅެވެ. ރީނދުލުގައި އެކްޓިވް ކަމްޕައުންޑެއް ކަމަށްވާ ކާކިއުމިން އެކުލެވިގެން ވެއެވެ. މިއީ ދަވަތައް ވިރުވާލާ އެއްޗެކެވެ. އަދި މޭގައި ހިފާފައި ހުންނަ ދަވަތައް ނެއްޓި ބްލޮކް ފިލުވާލަން ވެސް އެހީތެރިވެ އެވެ. މިއީ އެންޓި-ބެކްޓީރިއަލް އަދި އެންޓި-ވައިރަލް ކޮލިޓީތަކެއް އެކުލެވޭ އަރިދަފުސް ރޯގާ އަށާއި ކެއްސުމަށް ވަރަށް ރަނގަޅު އެއްޗެކެވެ.

ޖަގަރީ އާއި އިނގުރު – މޭގައި ތަތްވެފައި ހުންނަ ދަވަތައް ނެއްޓި ބޭރުކޮށްލަން މިއީ ވަރަށް ރަނގަޅު ފަރުވާ އެކެވެ. އިނގުރުގަނޑު ރީތިކޮށް މަށާލުމަށްފަހު ތުނިކޮށް ކޮށާލައި ތެޔޮކޮޅެއްގައި ތެލުލާށެވެ. ދެން މުގުރާލުމަށްފަހު ޖަގަރީއާ އެއްކޮށް ގުޅަ ބޭސް ހުންނަ ގޮތަށް ގުޅަ ވަށާށެވެ. އަދި ދުވާލަކު ދެ އިރު ބޭނުން ކުރާށެވެ.

މާމުޔާއި އަސޭމިރުސް – އަސޭމިރުހާއި މާމުޔަކީ ވެސް މޭގައި ހަރުލާފައި ހުންނަ ދަވަތައް ބޭރުކުރަން ބޭނުންކުރެވިދާނެ ފަރުވާ އެކެވެ. އަދި މިއީ ކަރު ތެރެ ސަކަރާތްވެ ކަރުގައި ރިއްސާތީ ވެސް ބޭނުންކުރަން ރަނގަޅު އެއްޗެކެވެ. އަސޭމިރުސްތައް ޕައުޑަރަކަށް ވަންދެން މުގުރާށެވެ. އަދި ކުޑަ މާމުއިކޮޅެއް ޖަހައިގެން ކާލާށެވެ.

މީގައިވާ ހެލްތު ޓިޕްސް ތަކަކީ އެކި މީހުންގެ އަމިއްލަ ތަޖުރިބާގެ އަލީގައި ކިޔައިދީފައިވާ އެމީހުން ހޯދާ ކަމަށް ބުނެފައިވާ ފަރުވާ ތަކެކެވެ. ޑޮކްޓަރީ ބޭސް ކާ މީހުން މިފަދަ ފަރުވާތަކުގެ އަޖުމަ ބަލަން ވާނީ ޑޮކްޓަރުންގެ އިރުޝާދުގެ މަތިންނެވެ.