ކްރިމިނަލް ކޯޓް

ހިއުމަން ޓްރެފިކިން: ތުހުމަތުވާ މީހުންގެ ބަންދަށް 15 ދުވަސް

Feb 4, 2022

ހިއުމަން ޓްރެފިނިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދަށް އަނެއްކާވެސް އިތުރު މުއްދަތެއް ދީފި އެވެ.

މިމައްސަލައިގެ ތުހުމަތުގައި ފުލުހަކު ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހަކު މިދިޔަ މަހުގެ ހަވަނަ ދުވަހު ހައްޔަރުކުރި އެވެ. އޭގެތެރޭގައި ބިދޭސީ އަކު ވެސް ހިމެނެ އެވެ. ފުލުސް މީހާ ހުރީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.

ކޯޓުން މިއަދު މުއްދަތު ޖެހީ މާލެ ދަފްތަރު، އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދާއި ސ. ހިތަދޫ، އުމުރުން 55 އަހަރުގެ މޫސާ ފަތުހީ އަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް މި ދެ މީހުންގެ ބަންދަށް ދީފައިވަނީ 15 ދުވަހެވެ.

މިއީ މި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުުރުކުރި ތިންވަނަ ފަހަރެވެ. މި ދެ މީހުންގެ ބަންދަށް ފުރަތަމަ ދިނީ 10 ދުވަހެވެ. ދެވަނަ ފަހަރަށް ދިނީ 15 ދުވަހެވެ.

ވަހީދާއި ފަތުހީ ވެސް ވަނީ ބަންދަށް ލުއި ދިނުމަށް އެދިފަ އެވެ. އެކަމަކު އެ މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައިވާތީ އެކަމަށް ރިއާޔަތްކޮށް މި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ މި މީހުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުން ކަމަށް އަމުރުގައިވެ އެވެ.