ކުޑަހުވަދޫ

ކުޑަހުވަދޫ އެއާޕޯޓްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހްތިޖާޖުކުރަނީ

ދ. ކުޑަހުވަދޫ އެއާޕޯޓް އޮޕަރޭޓްކުރަމުންދާ ދާލު ހޯލްޑިންގްސްގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހްތިޖާޖުކުރަން ފަށައިފި އެވެ.

ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު އަވަސްއަށް މައުލޫމާތު ދެމުން ބުނީ މިއަދު ހެނދުނުން ފެށިގެން އެއާޕޯޓްގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަމުންދާ ކަމަށެވެ.

އިހުތިޖާޖުގައި ކުޑަހުވަދޫ އެއާޕޯޓުގެ ކައުންޓަރުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނާއި ބެގޭޖް އަދި ޑްރައިވަރުން ބައިވެރިވެ އެވެ.

މުވައްޒަފުން މަސައްކަތް ހުއްޓާލައިފައިވާތީ އެއާޕޯޓްގެ އޮޕަރޭޝަންތައް ހިންގަމުންދަނީ މަންޓާ އެއާލައިންގެ މުވައްޒަފުން ބޭނުންކޮށްގެންނެވެ. މަންޓާ އެއާލައިންވެސް ހިންގަމުންދަނީ ދާލު ހޯލްޑިންގްސް ވެސް ހިންގާ ރިއޯލޯ ގްރޫޕުންނެވެ.

އިޖުތިޖާޖުގައި ބައިވެރިވާ މުވައްޒަފަކު އަވަސް އަށް މައުލޫމާތު ދެމުން ބުނީ އެއާޕޯޓުގައި މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވީއިރުވެސް މުސާރައިގެ ކުރިއެރުމެއް ނުލިބޭ ކަމަށާއި އަދި މީގެ ކުރިންވެސް އެ ޝަކުވާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ހައްލެއް ނުލިބޭ ކަމަށެވެ.

މައްސަލަ ހައްލު ނުވެ އޮއްވައި މި މަހު މުސާރަ ދިން އިރު ބައެއް މުވައްޒަފުންނަށް މިނިމަމް ވޭޖްވެސް ނުދޭ ކަމަށް މައުލޫމާތު ދިން މުވައްޒަފުން ބުންޏެވެ. އިހްތިޖާޖާ ގުޅިގެން ކުޑަހުވަދޫ އެއާޕޯޓް ހިންގާ ކުންފުނީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

"ބައެއް މުވައްޒަފުންނަށް އެބަހުރި އިތުރަށް ވެސް ލިބިފައި. ދެން ނޭނގެ ކިހިނެއް ކަމެއް މުސާރަ ހަދާފައި ހުރީ. މިކޮޅު އޮފީހުގައި އެހީމަ ބުނީ މާލެއިންނޭ މުސާރަ ހެދީ" އިހުތިޖާޖުގައި ބައިވެރިވާ މުވައްޒަފަކު ބުންޏެވެ.

މުވައްޒަފުން ނިންމާފައިވަނީ މުސާރައިގެ މައްސަލަ އަށް ހައްލެއް ލިބެންދެން އޮޕަރޭޝަންތަކަށް ނުނިކުމެ އިހުތިޖާޖުގައި ތިބޭށެވެ.