ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދާލު އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ފައިސާ ހޯދަނީ

ދާލު އެއާޕޯޓު، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި އެ ފެންވަރަށް އެތަން ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހޯދަން ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގެ ދަށުން ވަނީ ކްރޮސް ސަބްސިޑީ އުސޫލުން ދާލު އެއާޕޯޓް ބައިނަލްްއަގްވާމީ ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލާފަ އެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރެވޭ އެންމެ ކުޑަ އަގަކީ ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ އެވެ.

ކްރޮސް ސަބްސިޑީގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ނުވަތަ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ. މިފަދަ މަޝްރޫއުތަކުގައި އެކި ފަހަރު އެކި ގޮތަށް އަމަލުކުރާކަން ފާހަގަކުރެވެ އެވެ.

ދާލު އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ނިންމާފައިވާއިރު ކްރޮސް ސަބްސިޑީގެ އުސޫލުން އެއާޕޯޓުތަކެއް ތަރައްގީކުރަން ވަނީ މީގެ ކުރިންވެސް ރައީސްގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފަ އެވެ.

އޭގެ ތެރޭގައި ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ފ. މަގޫދޫ، ތ. ވިލުފުށީ އަދި ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީކުރާ އެއާޕޯޓް ހިމެނެވެ.

މީގެ އިތުރުން ކައްދޫ އެއާޕޯޓާއި މަޑިވަރު އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމާއި މާފަރު ބައިނަލްއަގްވާމީ އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ހިމެނެ އެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ގިރާވަރުފަޅު ހިއްކައިގެން ރެޒިޑެންޝަލް ސިޓީއެއް ތަރައްގީކުރަންވެސް ރައީސްގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފަ އެވެ.