ކުޑަހުވަދޫ

ކުޑަހުވަދޫ "ފައްކާ" ކޮށްދެއްވީ ޔާމީން: ސައީދު

ޖަޒީރާ ދިރިއުޅުމުގެ ޒަމާންވީ އުނދަގޫތަކުން ކުޑަހުވަދޫ އަރައިގަނެ، ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކުޑަހުވަދޫ "ފައްކާ" ކޮށްދީފައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދ. ކުޑަހުވަދޫ ވެގެންދާނީ ތަރައްގީގެ މަރުކަޒަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެން ފާޑު ވިދާޅުވެ އެވެ.

މިހާރުވެސް ކުރިއެރުންތަކެއް ހޯދާފައިވާ ކުޑަހުވަދޫގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވަނީ ކުޑަހުވަދޫ، ތަރައްގީގެ މަރުކަޒަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން މިހާރުގެ މާވަށު ދާއިރާގެ މެންބަރު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށަށް ތަރައްގީ ގެނެސް "ފައްކާ" ކޮށްދެއްވާފައިވާ ކަމަށެވެ. އަދި "ޖަޒީރާ" ދިރިއުޅުމުގެ ޒަމާންވީ ދަތި އުނދަގުލުން ކުޑަހުވަދޫ ފަދަ ރަށްރަށް އަރައިގަތީ ލައްކަ ގޮންޖެހުމުގެ ތެރެއިން ކަމަށެވެ.

ސައީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުން ކުޑަހުވަދޫއަށް ކޮށްދެއްވާފައިވާ ގިނަ ކަންތައްތަކުގެ ލިސްޓެއް ވެސް ހިއްސާ ކުރައްވާފަ އެވެ. ވިދާޅުވީ މިއީ އެންމެ ފަސް އަަހަރުގެ މަސައްކަތް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުޑަ ހުވަދޫ

  • ހޮސްޕިޓަލް މަރާމާތު ކުރުން
  • އަތޮޅު ތައުލީމީ މަރުކަޒުގެ ނުވަ ކުލާސްރޫމްގެ އިމާރާތްކުރުން (މަސައްކަތް ކުރިއަށްދަނީ)
  • ސޯލާ ޕަވާ ސިސްޓަމް ގާއިމުކުރުން
  • ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރުން (މަސައްކަތް ކުރިއަށްދަނީ)
  • ފެނުގެ ނިޒާމު ގާއިމުކުުރުން (މަސައްކަތް ކުރިއަށްދަނީ)
  • ފުޓްސަލް ދަނޑެއް ހެދުން
  • ސްޕޯޓްސް އެރީނާއެއް ގާއިމުކުރުން ( 2 ވޮލީ ކޯޓް، ނެޓްބޯޅަ ކޯޓެއް އަދި ބަށި ބޯޅަ ކޯޓެއް )
  • ބިން ހިއްކުން
  • މަގު ހެދުން
  • ދ. އެފްސީއެސްސީގެ ވަށާފާރު ރޭނުން
  • ޕޮލިސް ޝްޓޭޝަންގެ ސެލް ބްލޮކްގެ ވަށާފާރު ރޭނުން
  • ޕޮލިސް ޝްޓޭޝަންގެ ސެލް ބްލޮކް އިމާރާތްކުރުން
  • ޕޮލިސް ޝްޓޭޝަންގެ މެސްރޫމާ، ޕޭންޓްރީ އޭރިޔާ މަރާމާތު ކުރުން
  • ޕޮލިސް ޝްޓޭޝަންގެ ވަށާފާރު ރޭނުން
  • މަގު ބައްތި ޖެހުން
  • އަތޮޅުގޭގެ މަސައްކަތް ކުރުން
  • އަތޮޅު އޮފީހުގެ މަސައްކަތް (މަސައްކަތް ކުރިއަށްދަނީ)
  • ރިވެޓްމަންޓް ޖެހުން
  • 53 ގެއަކަށް ނަރުދަމާގެ ޚިދުމަތް ގުޅައިދިނުން
  • 600 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓެއް ފޯރުކޮށްދިނުން
  • 640 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓެއް ފޯރުކޮށްދިނުން
  • ސިންކްރޮނައިޒިން ޕެނަލް ފޯރުކޮށްދިނުން

ދ. އަތޮޅުގެ ސިއްހީ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބުދަ ދުވަހުރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޑަހުވަދޫގެ ތަރައްގީއަށް ސަރުކާރުގައި ހާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ. އަދި ދ. އަތޮޅަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާފައިވާ އަތޮޅެއް ކަމަށާ މަސްވެރިކަމާއި އެ ނޫން ވެސް ބައެއް ދާއިރާތަކުން އެ އަތޮޅު ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އޭގެ ސަބަބުން ކުޑަހުވަދޫ މިހާރު އޮތީ ތަރައްގީއަށް ވަރަށް ބޮޑަށް ފައްކާވެފައި ކަމަށާއި އެ ރަށުގެ ހޮސްޕިޓަލާއި ސުކޫލާއި، މަގުތައް ތަރައްގީކޮށް ކުޑަހުވަދޫއަކީ ތަރައްގީގެ ބޮޑު މަރުކަޒަކަށް ބަދަލު ކުރައްވާނެ ކަމަށެވެ.

"އެހެންވީމަ މި ރަށް މި އޮތީ ތަރައްގީއަށް ހަމަ ފައްކާވެފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭންގައި މި ސަރަހައްދުގައި ގާއިމުކުރެވޭ އާބަން ސެންޓަރެއްގެ ގޮތުގައި މިރަށް [ކުޑަހުވަދޫ] ތަރައްގީ ކުރާނަން. އަދި އެފަދަ އާބަން ސެންޓަރަށް ބޭނުންވާ ހުރިހާ ވަސީލަތެއް އިރާދަކުރެއްވިއްޔާ މި ރަށުގައި ގާއިމު ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު މި ދެންނެވި ފަދައިން ހޮސްޕިޓަލް ތަރައްގީވުމުގެ އިތުރުން ސުކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި، މަގުތައް ހެދުމާ، ފެރީ ޓާމިނަލް ހެދުމާ، މި ރަށައް ބޭނުންވެފައިވާ ޒަމާނީ ފެންވަރުގެ މަސް މާރުކޭޓާ އަދި މި އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،"

ރައީސް ވިދާޅުވީ ކުޑަހުވަދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ ކުރެހުމާއި ފައިސާ ހަމަޖެހި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ވެސް ފަށާނެ ކަމަށެވެ. އަދި ޒުވާނުންނަށް ކުޅިވަރުތައް ކުޅެވޭނެ ޒޯން ސްޓޭޑިއަމެއް ވެސް އެ ރަށުގައި އަޅުއްވާނެ ކަމަށެވެ.