ރާއްޖޭގެ ފުޓްބޯޅަ ކްލަބުތަކާއި ފުޓްބޯޅައިގެ ކުރިއެރުމަށް ދިމާވެފައިވާ މައްސަލަތަކަށް ކުރި މަގެއް ހޯދައިދީ، ދިވެހި ފުޓްބޯޅަ ކުރިއެރުުވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މިއަދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ފަށާ ޕޮމިސް ކަޕް ގުރު ނެގުމުގެ ގޮތުން މިއަދު ޓީވީ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަދީބް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި މި މަސައްކަތުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި އަމިއްލަ ކުންފުނިތަކުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ދިވެހި ފުޓްބޯޅަ އާއި ކްލަބުތަކަށް އަލި މަގެއް ހޯދައިދޭނެ ކަމަށެވެ.
"ފުޓްބޯޅަ ދިރުވުމަށް ޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން އެބަހުރި. ކުޅި ބެލުންތެރިން (އިތުރުކުރުމާއި) މުބާރާތް މާކެޓްކުރުމާއި ފޯރިގަދަ ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައި މި އޮތީ،" ޕޮމިސް ކަޕްގެ އިންތިޒާމް ކޮމެޓީގެ ޗެއާމަން އަދީބު ވިދާޅުވި އެވެ. "އެފްއޭއެމްގެ އިންޓަރިމް ކޮމެޓީ އެ މަސައްކަތް ވަރަށް ބާރަށް ކުރަމުން ދަނީ. ކްލަބުތަކަށް ސްޕޮންސާތައް ފަހިކޮށްދިނުމުގެ މަސައްކަތް އެބަކުރޭ. ސަރުކާރުން އަދި އަޅުގަނޑު ވެސް ހަމަ އެފްއޭއެމްއާ ގުޅިގެން މަސައްކަތްކުރާނަން. ހަމަ އެހެންމެ ޔޫތު މިނިސްޓަރީ އާއި ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ކުންފުނިތައް އަދި ހަމަ އެހެންމެ އަމިއްލަ ކުންފުނިތައް (ގުޅިގެން) ފުޓްބޯޅަ އަށް، ކްލަބުތަކަށް އަލި މަގެއް ހޯދައިދޭނަން."
އަދީބު ވިދާޅުވީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަަހަރު އަލުން ބޭއްވުމަށް ހަމަޖެހިފައިވާ ޕޮމިސް ކަޕް އަކީ ދިވެހި ފުޓްބޯޅައިގެ ފޯރިގަދަކުރުމަށް ކުރެވޭ މަސައްކަތުގައި ރަނގަޅު ފިޔަވަޅެއް ކަމަށެެވެ. އަދި ފުޓްބޯޅަ އަކީ ދިވެހިން "ލެޔާ" ގުޅިފައިވާ ކުޅިވަރަކަށްވާއިރު، ފުޓްބޯޅަ ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަދީބު ވިދާޅުވި އެވެ.
އެފްއޭއެމްގެ ހިންގުމާ ނޯމަލައިޒޭޝަން ކޮމެޓީ ހަވާލުވި ފަހުން، ކްލަބު ފުޓްބޯޅައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު ތައާރަފްކުރި ޕޮމިސް ކަޕްގައި މި އަހަރު ވާދަކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި މެލޭޝިއާގެ ޕީޑީއާރްއެމް އަދި ސިންގަޕޫރުގެ ސިންގަޕޯ ލަޔަންސް އެވެ.
ކުރިން ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސް ކަޕް)ގެ ނަމުގައި ބާއްވަމުން ދިޔަ މުބާރާތް މި އަހަރުން ފެށިގެން ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސް ކަޕް)ގެ ނަމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އަދީބު ވަނީ މިއަދު އިއުލާންކުރައްވައިފަ އެެވެ.