ބޮލީވުޑް

ދަރިން ނެތަސް ސަޗިން އާއި ޝްރައްދާ ދެކެ ލަތާ ވަރަށް ލޯބިވި

އިއްޔެ މި ދުނިޔެ ދޫކުރި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ދުވަހަކު ވެސް ކައިވެންޏެއް ނުކުރެ އެވެ. އެހެންވެ އޭނާގެ ދަރިފަސްކޮޅު ދަމަހައްޓާނެ ދަރިއަކު އޭނާގެ ނެތެވެ. ނަމަވެސް އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރް އާއި ބަތަލާ ޝްރައްދާ ކަޕޫރު ދެކެ ލަތާ އޭނާގެ އަމިއްލަ ދަރިން ފަދައިން ލޯބިވި އެވެ.

ޝްރައްދާގެ ކާފަ އާއި ލަތާ އަކީ ދެބެންގެ ދެބެންގެ ދެދަރި ދެބެންނެވެ. ނަމަވެސް މިއަށް ވުރެ މާ ގާތް ގުޅުމެއް ލަތާ އާއި ޝްރައްދާގެ މެދުގައި އޮތެވެ. ލަތާގެ ކޮންމެ އުފަން ދުވަހަކު ޝްރައްދާގެ މުޅި އާއިލާ އެ ގެއަށް ގޮސް އުފަން ދުވަސް ފާހަގަ ކުރެ އެވެ. އަދި މި ނޫންވެސް އާއިލީ ގިނަ ކަންކަމުގައި ދެ އާއިލާ ވަރަށް ގުޅިގެން އުޅޭތަން ފެނިފައި ވެއެވެ. އަދި ލަތާ ބަލިވެ އޮތް އިރު ޝްރައްދާ ހޮސްޕިޓަލަށް ޒިޔާރަތް ކުރާތަން ވެސް ފެނިފައި ވެއެވެ. އަދި މަރުވި ފަހުން ވެސް ޖަނާޒާގައި ވެސް އެންމެ ކުރީގައި ޝްރައްދާ އިން ތަން ވަނީ ފެނިފަ އެވެ.

ޝްރައްދާގެ އިތުރުން ސަޗިން އަކީ ވެސް ލަތާ ދަރިއަކު ފަދައިން ލޯބިވާ މީހެކެވެ. ސަޗިން ވެސް ލަތާ ދެކެ އެހާ ލޯބިވެ އެވެ. އޭނާ ލޯބިން ލަތާ އަށް ކިޔަނީ ވެސް "އާއީ" (މަންމަ) އެވެ.

ލަތާގެ ވަރަށް ކުރީގެ އިންޓަވިއު އެއްގައި ސަޗިން އާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. ލަތާ ބުނެފައިވާ ގޮތުގައި ސަޗިން އޭނާއާ މެދު އަމަލު ކުރަނީ މަންމައަކާ ދޭތެރޭ ކަން ކުރާ ގޮތަށެވެ. އަދި އޭނާ އަބަދުވެސް މަންމައަކު ކުރާ ގޮތަށް ސަޗިން އަށް ހެޔޮ ދުއާ ކުރެ އެވެ.

"އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ސަޗިން ފުރަތަމަ ފަހަރަށް އަހަންނަށް މަންމާ އޭ ކިޔާފައި ގޮވާލި ދުވަސް. އަހަރެން ހިއެއްވެސް ނުކުރަން އޭނާ އަހަންނަށް މަންމަ ކިޔާފާނެ ކަމަކަށް. އެހެންވެ މަންމައޭ ގޮވާލުމުން އަހަރެންނަށް ލިބުނީ ބޮޑު ހައިރާންކަމެއް. އެފަދަ ދަރިއެއްގެ މަންމައަކަށް ވުމީ އަހަންނަށް ލިބުނު ނިއުމަތެއް ކަމަށް އިހްސާސްވަނީ،" ލަތާ ބުނެފައި ވެއެވެ.

އޭނާއަށް ލިބުނު ގޮތަށް އިންޑިއާގެ އެންމެ ޝަރަފުވެރި އެވޯޑު 'ބާރަތު ރަތުނަ' ސަޗިން އަށް ލިބެން އެދޭ ކަމަށް ވެސް ލަތާ ބުނެފައި ވެއެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ހަގީގީ 'ބާރަތު ރަތުނަ' އަކީ ސަޗިން. އޭނާ ގައުމަށްޓަކައި އެތަށް އަހަރެން ވަންދެން ކޮށްދިން ޚިދުމަތުގެ އަގު ވަޒަންކުރުމަށް އޭނާއަށް އެ އެވޯޑު ހައްގު. އޭނާ ވަނީ އަހަރެމެން އެންމެން ފަޚުރުވެރި ކުރުވާފަ،" މީގެ 12 އަހަރު ކުރިން ލަތާ ބުނެފައި ވެއެވެ. އަދި ލަތާގެ މި އިންޓަވިއު އަށްފަހު ސަޗިން އަށް "ބާރަތު ރަތުނަ" ލިބިފައި ވެއެވެ.