ރައްޔިތުންގެ މަޖިލީހުގެ މި ހަފުތާގެ ޖަލްސާތަކުގައި ފަސް ބިލެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ހަފްތާ ފަސް ބިލެއްގެ މަސައްކަތް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދަން ތާވަލްކުރައްވާނެ ކަމަށެވެ.
މީގެތެރޭގައި ހިމެނޭ އެންމެ މުހިއްމު ބިލަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް އިދިކޮޅު ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ހުށަހަޅުއްވާފައި ބިލެވެ. އިތުރަށް ހިމެނޭ ބިލް ތަކަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކުރުމުގެ ބިލާއި، ފެނާއި ނަރުދާމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުދި އަދި މެދު ފަންތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ އަދި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުން ވިހެއުމުން ޗުއްޓީ ދިނުމަށެވެ. އެ ބިލްގެ ބަހުސް މަޖިލީހުގައި މިއަދު ވަނީ ފަށާފަ އެވެ.
މަޖިލީހުގައި ހުރި ބިލްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީ ތަކުގައި 16 ބިލެއް އެބައޮތް ކަމަށެވެ.
ކޮމިޓީތަކުގައި ބިލްތައް ހުރި ގޮތް
- ޖޮއިންޓް ކޮމިޓީތައް - 5 ބިލް
- އިޖުތިމާއީ ކޮމިޓީ - 4 ބިލް
- ޖުޑިޝަރީ ކޮމިޓީ - 2 ބިލް
- އިގްތިސޯދީ ކޮމިޓީ - 1 ބިލް
- މާލިއްޔަތު ކޮމިޓީ - 1 ބިލް
- ލާމަރުކަޒީ ކޮމިޓީ - 1 ބިލް
- ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ - 1 ބިލް
- 241 ކޮމިޓީ - 1 ބިލް
މަޖިލީހުގެ މިއަދުގެ ޖަލްސާގެ މައިގަނޑު މަސައކަތަށް އޮތީ ފަނޑިޔާރުންގެ ގާނޫނަށް ޝަހީމް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރުމެވެ.
މީގެއިތުރުން ދުނިޔޭގެ ވިޔަފާރީގެ ޖަމިއްޔާ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ ޕްރޮޓޮކޯލްއެއްގައި ބައިވެރިވުމަށާއި ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުހައްމަދަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ މިއަދު ޖަލްސާ އަށް ހުށަހެޅުމުން އެ މައްސަލަތައް ދިރާސާކުރަން ދާއިމީ ކޮމިޓީ ތަކަށް ފޮނުވާފައިވެ އެވެ.