ފަރަށް އެރުން

ނޫމަރާގެ ނެރު މައްޗަށް ކޮޅުވެއްޓިއެއް އުރިއްޖެ

ށ. ނޫމަރާގެ ނެރު މައްޗަށް ކޮޅުވެއްޓިއެއް އުރި، ނެރު ބަންދުވެއްޖެ އެވެ.

ނޫމަރާ ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދު އަވަސް އަށް ވިދާޅުވީ ކޮޅުވެއްޓި އުރުނީ އިއްޔެ މެންދުރު ކަމަށެވެ. އަދި ރު ބަންދުވެ ލަފާފުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ނެރަށް އުރުނީ ނޫމަރާގައި ފެނަކައިން ހަދާ އާ އިންޖީން ގޭގެ އިމާރާތަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ 100 ފޫޓުގެ ކޮޅުވެއްޓި އެކެވެ.

ކޮޅުވެއްޓި އުރުމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ވަނީ ވަލެއް ޖަހައިގެން އެ ކޮޅުވެއްޓި ފަޅުތެރެއަށް ވެއްދޭތޯ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަމުގައި ކާމިޔާބު ނުލިބުނު ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

"މިހާރު ރަށުގެ އެކި އޮޑިތަކުން ދަނީ ކޮޅުވެއްޓީގައި ހުރި މުދާތައް ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން" އިބްރާހިމް ވިދާޅުވި އެވެ.

ނޫމަރާގެ ނެރަށް އެކި އެކި އުޅަނދުތައް އުރުމުގެ މައްސަލަ މީގެ ކުރިން ވެސް އެތައް ފަހަރަކު ދިމާވެފައިވެ އެވެ. އެގޮތުން މީގެހަފްތާއެއް ކުރިން ފެން ހިފައިގެން ނޫމަރާއަށް ދިޔަ ބޯޓެއް ނެރަށް އުރުނު އިރު މިދިޔަ އަހަރު އެފްއެސްއެމްގެ ތެޔޮ ބޯޓެއް ވެސް ހަމަ މި ނެެރަށް އުރުނެވެ.

ރަޝީދު އިތުރަށް ވިދާޅުވީ ނެރަށް އުރުމުގެ މައްސަލަ ދިމާވަނީ ނޫމަރާގެ ކަނޑިންމަ ކަނޑާފައިވާ ގޮތުން ކަމަށެވެ. މައްސަލަ ހައްލުކުރަން ސަރުކާރުގައި ތަކުރާރުކޮށް އެދިފައިވީ ނަމަވެސް މައްސަލައަށް ހައްލެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ.