މިނިސްޓްރީ އޮފް ހެލްތު

ނަރުހުންގެ މައްސަލަތައް ހައްލުކުރަން ކޮމިޓީއެއް އުފައްދަނީ

Feb 7, 2022
1

ނަރުހުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ މައްސަލަތައް ހައްލުކުރުމަށް ކޮމިޓީއެއް އުފެއްދުމަށް ނިންމައިފި އެވެ.

ނަރުހުންގެ ޖަމިއްޔާ އިން އިއްޔެ ވަނީ ހެލްތު މިނިސްޓްރީގެ ކަމާ ގުޅޭ ވެރިންނާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ނަރުހުން ޖަމިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ މާލެއާއި އަތޮޅުގައި މަސައްކަތް ކުރާ ނަރުހުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރީ މުސާރައިގެ މައްސަލަ އެވެ.

"އަޅުގަނޑުމެންގެ ރަސްމީ ޑިއުޓީ ގަޑީގެ ބޭރުން ބައެއް ފަހަރު އިތުރު ގަޑިތަކުގައި ވެސް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ. އެކަމަކު އިތުރު ގަޑީގެ ފައިސާ ލިބުމުގައި ގޮންޖެހުންތައް ބޮޑު،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީއާ އެކު ބޭއްވުނު މަޝްވަރާތަކަށްފަހު ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިއްޖެ ކަމަށެވެ. އަދި ހުރިހާ ނަރުހުންނާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން މައްސަލަތަކަށް ހައްލެއް ހޯދޭނެ ކަމަށެވެ.

ނަރުހުންގެ މައްސަލަތައް ހައްލުކުރަން ކޮމިޓީއެއް ނަގަން ނިންމީ ނަރުހުންގެ ޖަމިއްޔާ އާއި، ހެލްތު މިނިސްޓްރީއާއި، ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގެ ބޭފުޅުން ހިމެނޭ ގޮތަށެވެ.

ނަރުހުންގެ ޖަމިއްޔާ އިން މީގެ ކުރިން ވަނީ އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާފަ އެވެ. ނަރުހުންގެ ކަންބޮޑުވުންތަކުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރާއްޖޭގައި އުފައްދަން ހުށަހަޅާފައިވާ ޗީފް ނާސިން އޮފިސަރުގެ މަގާމު އަވަހަށް އުފެއްދުމަށް ވެސް އެ ޖަމިއްޔާ އިން ދަނީ ސަރުކާރުގައި އެދެމުންނެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ޗީފް ނާސިން އޮފިސަރުން ކަނޑައެޅުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.