ދުނިޔެ

މިއަހަރު އިލެކްޝަނެއް ނޯންނާނެ: ލީބިޔާ

ލީބިޔާގައި މިއަހަރު އިލެކްޝަން ނުބާއްވާ ގޮތަށް ގާނޫން ހަދާ މަޖިލީހުން ނިންމައިފި އެވެ. އަދި ބުނީ އިންތިގާލީ ބޮޑުވަޒީރަކު ހޮވުން ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ.

ލީބިޔާގައި މިވަގުތު އޮތީ އދ. މެދުވެރި ވެގެން ގާއިމު ކޮށްފައި އޮތް އިންތިގާލީ ސަރުކާރެކެވެ. ވެރިކަން ކުރަނީ ގަވާންމެޓް އޮފް ނެޝަނަލް ޔުނިޓީ (ޖީއެންޔޫ) އިން ނެވެ.

ޖީއެންޔޫ ބުނި ގޮތުން އެމީހުންގެ ސަރުކާރު އަދި ވެސް ސައްހަ އެވެ. އެހެން ކަމުން އެހެން ބަޔަކަށް ވެރިކަން ހަވާލުކޮށް އެއްކަރިއަށް ޖެހުމުގެ ވިސްނުމެއް ނެތެވެ.

ލީބިއާގައި ދާއިމީ ސަރުކާރެއް އެކުލަވާނުލެވި ދިގު ދެމިގެން ދިއުން ވެފައި ވަނީ ދުނިޔޭގެ މާލީ އަދި ސިޔާސީ އިދާރާތައް ކަންބޮޑުވާ ވަރުގެ ކަމަކަށެވެ.

ސަރުކާގެ އިދާރާތަކާ ނުލައި އިންވެސްޓްމަންޓްތައް މެނޭޖް ކުރާން ވެސް ދަތި ކަމަކަށް ވަނީ ވެފަ އެވެ.

ލީބިއާގައި ސައްހަ ސަރުކާރެއް އެކުލަވާނުލެވި ދިގުލާން ވެއްޖެ ނަމަ ގައުމު ބައިބައިވެ ކުރިން އޮތް ހާލަތަށް ވެއްޓި ދާނެ ކަމަށް މަޝްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.

ވެރިކަށް ދަހިވެތިވެފައި ތިބި ގަބީލާ ޖަމާއަތްތަކުގެ މެދުގައި އދ. މެދުވެރިވެގެން ވަކި މުއްދަތަކަށް ސުލްހަވެފައި އޮތް ނަމަވެސް، އެއްބަސްވި މާއްދާތަކަށް އަމަލު ނުކުރެވުން ވާނީ ގެއްލުން ބޮޑު ކަމަކަށެވެ.

ލީބިޔާގައި ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު ބޭއްވުމަށް ފާއިތުވި 2021 ގައި ވެސް ވަނީ އެކި ފަހަރު މަތިން މަސައްކަތްކޮށްފަ އެވެ. އިންތިހާބު ބާއްވަން ތާރީހު ކަނޑައެޅުމަށް ފަހު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

މަޝްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން އިންތިހާބަކާ ނުލައި ލީބިޔާގައި ސުލްހަ ދެމެހެއްޓުން އެއީ ނުވާނެ ކަމެކެވެ.

އދ. މެދުވެރިވެގެން އުފައްދާފައި އޮތް އިންތިގާލީ ސަރުކާރަށް ވުރެ ބާރުގަދަ ގަބީލާ / ޖަމާއަތްތައް ބަސްއެހުން ދޫކޮށްލައިފި ނަމަ އިއާދަ ކުރަން ދަތި ހާލަތަކަށް ލީބިއާ ވެއްޓިގެން ދާނެ އެވެ.