ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ނުދެވި ލަސްވި މުސާރަ ޖަމާ ކޮށްދީފި އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ލިބިފައި ނުވާތީ ގިނަ މުވައްޒަފުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުން މުސާރަ ހިމެނެ އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ލަސްވި މުވައްޒަފުންގެ މުސާރަ މިހާރު ޖަމާކޮށް ނިމިފައިވާ ކަމަށާއި އަދި ފަހުން އެއްވެސް މުވައްޒަފެއްގެ ޝަކުވާ ލިބިފައިނުވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ކުރިން ބުނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ޖަމާކުރުން ލަސްވީ އެ އިދާރާތަކުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން ޖެހޭ މުވައްޒަފުންގެ މުސާރަ ޝީޓް ފޮނުވުން ލަސްވުމުން ކަމަށެވެ. މުސާރަ ޝީޓް ލަސްވީ ހެލްތު މިނިސްޓްރީގެ ގިނަ މުވައްޒަފުން ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މަސައްކަތަށް ބުރޫ އެރުމާ ގުޅިގެން ނެވެ.
ފުލުހުންގެ މުސާރަ ޖަމާވުމުގައި ވެސް މައްސަަލަތަކެއް ދިމާވި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެ މައްސަލަ ހައްލުކޮށް ހުރިހާ ފުލުހުންނަށް މިހާރު ވަނީ މުސާރަ ޖަމާކޮށްފަ އެެވެ.
ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާކޮށްދޭންޖެހެނީ ކޮންމެ މަހެއްގެ ރަސްމީ އެންމެ ފަހު ދުވަހު އެވެ.