މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން

ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން ކުއާޓަލީ މާލީ ރިޕޯޓެއް ނުފޮނުވާ

Feb 9, 2022

މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ކުއާޓަލީ ރިޕޯޓް ނުފޮނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ދައުލަތުގެ ވުޒާރާ ކަމަަށްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ކުންފުނިތަކުގެ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ބަޔާން އާއްމުކުރި ނަމަވެސް މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަންގެ މާލީ ރިޕޯޓު ހުށަހަޅާފައެއް ނުވެ އެވެ.

ޕީސީބީން ވަނީ މި ރިޕޯޓުގައި އެކަން ފާހަގަ ކޮށްފަ އެވެ. ނަމަވެސް މި ރިޕޯޓް ހުށަނޭޅި ސަބަބެއް ބުނެފައެއް ނުވެ އެވެ.

މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން 2019 ވަނަ އަހަރު އުފައްދާފައި ވަނީ ރާއްޖެއާއި ރާއްޖެ އިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭ ފަދަ އިންތިޒާމެއް ހަމަޖެއްސުމެވެ. މިއީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ސަރުކާރުގެ ކުންފުންޏެކެވެ.

މި އަހަރުގެ ބަޖެޓުގައި މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަންއަށް ހަވާލުކޮށްގެން ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވެ އެވެ. މި އަހަރު ހަތަރު ފަޅެއް ހިއްކައިގެން ތަރައްގީ ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.