ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތުގެ ވަޒީފާއަށް މީހުން ހޯދަނީ

Feb 9, 2022

ސައުދީ ރަސްގެފާނުގެ ހަރަދުގައި މާލޭގައި ބިނާ ކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގެ ބައެއް މަގާމުތަކަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ވަކިވަކި އިއުލާންތަކެއްގައި ސަލްމާން މިސްކިތުގެ ހަތަރު މަގާމަކަށް ހަތް މީހަކު ހޯދަން އިއުލާން ކޮށްފައި ވެއެވެ.

މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

އިއުލާންކޮށްފައިވާ މަގާމުތަކާއި ބޭނުންވާ އަދަދު

  • އިންޖިނިއާ - 1
  • ޓެކްނީޝަން - 1
  • އައިޓީ ޓެކްނީޝަން - 1
  • މަސައްކަތު - 4

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތުގެ ބޮޑު ބައި ނިންމާފައިވާ ސަލްމާން މިސްކިތް ހުޅުވަން މި ސަރުކާރުން އެތައް ތާރީހެއް ދީފައިވެ އެވެ. އެންމެ ފަހުން ދިން ތާރީހަކީ މިއަހަރުގެ ރޯދަ މަހަށް މިސްކިތް ހުޅުވުމެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މީގެ ކުރިން ވިދާޅުވި ގޮތުގައި ރޯދަ މަހަށް ވެސް މިސްކިތް ހުޅުވޭނީ ބޭނުންވާ ވަސީލަތްތަކާއި ތަކެތި ގަތުމަށް ބޭނުންވާ ބަޖެޓް ހަމަޖެހިގެންނެވެ. ފިނޭންސް މިނިސްޓްރީން ވަނީ ބަޖެޓް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އަށް އަންގާފަ އެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު -- 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބިނާކޮށްފައިވާ ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއް ފަހަރާ 10،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އެ ،މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދުކުރަން ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުންކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގަ އެވެ. އަދި ފަސްވަނަ ފަންގިފިލާގައި މަލްޓި ޕާޕަސް ބޮޑު ހޯލެއް ހިމެނޭ އިރު އެކި އެކި އިވެންޓްތައް އެތަނުގައި ބޭއްވޭނެ އެވެ.

ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލު ކޮށްގެން ހެދި ސަލްމާން މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ސަރުކާރާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ.