ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ ގިނަ އަދަދެއްގެ ދޫނި ތަކެއް މަރާލި މައްސަލައިގައި ފިޝަރީޒް މިނިސްޓްރީން އެޓާނީ ޖެނެރަލް އޮފީހުގެ ލަފާަ ހޯދުމުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އީވާ ފާޑު ވިދާޅުވީ ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހަޅުއްވާފައިވާ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިންނެވެ.
އީވާ މިއަދު ވިދާޅުވީ މަރާލައިފައިވާ ދޫނިތަކުގެ ފޮޓޯތައް ފެނުމުން ވަރަށް އުނދަގޫ އިހުސާސްތަކެއް ކުރިމަތިވި ކަމަށާއި އެ މައްސަލައިގައި ކަންބޮޑުވާނީ ހަމައެކަނި ޒުވާނުން ނޫން ކަމަށެވެ.
އީވާ ވިދާޅުވީ ދޫނިތައް މަރާލަން ޖެހުނު ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެެވެ. އަދި ގަވައިދާ ހިލާފަށް ދޫނިތައް އެތެރެކުރީ އިންސާނުން ކަމަށާއި އިންސާނަކު ކުރި ކުށަކާ ގުޅިގެން ދޫނިތަކަށް އެ އަދަބު ދީގެން ނުވާނެ ކަމަށެވެ.
ދޫނިތައް މަރާލުން އެއީ އިއްޔެ ހިނގި ހާދިސާއެއް ނަމަވެސް އެއީ ކުރިންސުރެވެސް ރާއްޖޭގައި ކަންކުރަމުން އައި އުސޫލު ކަމަށާއި އެހެންނަމަވެސް އަބަދު އެގޮތަށް އަމަލުކުރުމުގެ ބަދަލުގައި އެހެން ގޮތަކަށް ވިސްނުން ގެންގުޅެން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ދޫނިތައް ނައްތާލުމުގައި ފިޝަރީޒް މިނިސްޓްރީން އަމަލުކުރި އުސޫލަށް ފާޑު ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނުނު މިއަދުގެ ސަރުކާރުގެ ވަޒީރަކު އެޓާނީ ޖެނެރަލްގެ ލަަފަޔަކަށް އެދި އަހަން ޖެހުނު ސަބަބެއް ވެސް. އެއީ އަޅުގަނޑުމެން ކަންކުރަމުން ދިޔަ ގޮތަށް ވީތީއޭ ކިޔާފައި ވަޒީރަށް އެހެން ވިސްނުމެއް ނުގެނެސްދެވުނު ސަަބަބެއްވެސް. އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ހަޖަމެއް ނުކުރެވޭ ދޫނިތައް މަރާލަން ޖެހުނު ސަބަބެއް." އީވާ ވިދާޅުވި އެވެ.
އީވާ އިތުރަށް ވިދާޅުވީ ދިރޭ ތަކެތި ހިމާޔަތްކުރުމަށް ވާހަކަ ދައްކައި، ގާނޫނުތައް ހަދާއިރު ދިރޭ ތަކެތި މަރާ ހެދުމަކި ދެ އަނގައިން ވާހަކަ ދެއްކުން ކަމަށެވެ.
މަރާލި ދޫނިތައް ރާއްޖެ އެތެރެ ކޮށްފައި ވަނީ ޕެޓްމާސް ކިޔާ ކުންފުންޏަކުންނެވެ. ދޫނިތައް ނައްތާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ޕެޓްމާސްއިން ބުނާ ގޮތުގައި އެ ދޫނިތައް އެތެރެކުރިއިރު އެއީ ރާއްޖެއަށް އެތެރެކުރުން ހުއްދަ ދޫނި ތަކެއް ނޫނެވެ. ނަމަވެސް ފަހުން ގަވައިދަށް ގެނައި ބަދަލަކުުން އެ ދޫނިތައް އެތެރެކުރަން ހުއްދަ އޮތް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މައްސަލައިގައި ފިޝަރީޒް މިނިސްޓްރީ ބުނީ ދޫނިތައް މަރާލީ އެޓާނީ ޖެެނެރަލް އޮފީހުގެ ލަފަޔާއެކު އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. ނަމަވެސް ފާޑު ކިޔުންތައް މާބޮޑަށް އަމާޒުވުމުން އެޓާނީ ޖެނެރަލް އޮފީހުން ބުނީ ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮތް ކަމަށާއި އެގޮތަށް ފިޝަރީޒް މިނިސްޓްރީން އަމަލު ނުކުރި ކަމަށެވެ.