މާލޭ ސިޓީ ކައުންސިލް

ކުންފުނި އުފެއްދުމާ ހަމައަށް ކުރިއަށް ދާނެ ގޮތެއް ނިންމައިފި

މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން މާލެ ސިޓީ ލޯކަލް އޮތޯރިޓީ ކޮމްޕެނީއާ ހަވާލުކުރާނެ މަސައްކަތްތަކާއި އެ މަސައްކަތްތަކުގެ ޕްލޭން އަދި ކުންފުނި އުފެއްދުމާއި ހަމައަށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ފާސްކޮށްފިއެވެ.

ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 39 ވަނަ ޖަލްސާގައި މާލެ ސިޓީ ލޯކަލް ކޮމްޕެނީ އުފެދެންދެން ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ ނަމުގައި މާލެ ސިޓީ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ ބޯޑަށް އައްޔަންކޮށްފައިވާ މެންބަރުން ހިމެނޭ ގޮތަށް ޔުނިޓެއް އެކުލަވާލުމަށް އެ ކައުންސިލުން ކުރީން ނިންމާފައިވާ ނިންމުމާއި ގުޅިގެން ކުންފުނި އުފެއްދުމާއި ހަމައަށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ވަނީ ފާސްކޮށްފައެވެ.

ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ ނަމުގައި މާލެ ސިޓީ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ ބޯޑަށް އައްޔަންކޮށްފައިވާ މެންބަރުން ހިމެނޭ ގޮތަށް ޔުނިޓެއް އެކުލަވާލުމަށް ހުށަހަޅާފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެވެ. އެ ހުށައެޅުމަށް ތާއީދު ކޮށްފައިވަނީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ.

މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާގޮތަށް މާލޭގައި ހުރި ބައެއް ބިންތައް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހުރި އަމާޒުތައް ހާސިލްކުރުމަށްޓަކައި އެކިއެކި ފައިނޭންޝިއަލް މޮޑެލްތައް ބޭނުންކޮށްގެން ޑިވެލޮޕާސް ހޯދައިގެން ތަރައްގީ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުށަހެޅުނު ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސް ކޮށްފައެވެ.

ސިޓީ ކައުންސިލްގެ ކުންފުނި އުފެއްދުމާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލްގެ މި ދައުރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ހިމަނާފައިވާ ކަމަށެވެ.

އެގޮތުން އެ މަސައްކަތްތައް ހިންގުމަށްޓަކައި ބޮޑު އާމްދަނީއެއް ބޭނުން ވާނެ ކަމަށެވެ. އެފަދަ ކޮންމެ މަސައްކަތަކަށް ކައުންސިލްތަކަށް ބަޖެޓް ދިނުމަކީ ސަރުކާރަށްވެސް ފަސޭހަ ކަމަކަށް ނުވާއިރު ކައުންސިލަށް ކުންފުނި އުފެއްދުމުގެ ހުއްދަ ދެއްވުމަކީ ސަރުކާރަށްވެސް އެންމެ ފަސޭހަ ވާނެ ގޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުންފުނި އުފެއްދުމަށްޓަކައި ބޭނުންވާ ހުއްދަ ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅިތާ ހަތަރު މަސްވެފައިވާއިރު މި ކުންފުންޏާއި ބެހޭގޮތުން މިނިސްޓްރީއިން އެއްވެސް ކަހަލަ އިޝާރާތެއް ކުރައްވާފަ ނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.