އެލްޖީއޭ

ޕާކިން ސްލޮޓް ވިއްކުން މަޑުޖައްސާލަން އަންގައިފި

ވެހިކަލް ޕާކުރުމަށް އަމިއްލަ މީހުންނަށް ބިން ވިއްކުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސްކުރައްވާ އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފް ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ވެހިކަލް ޕާކުރުމަށް އަމިއްލަ މީހުންނަށް ބިން ވިއްކުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ވަރަށް ގިނަ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.

އަދި އެކަން ސިޓީ ކައުންސިލުން ކުރަނީ ބިމާބެހޭ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ނޫން ކަމަށެވެ. އެއްވެސް ކައުންސިލަކުން ބިމުގެ މުއާމަލާތް ކުރައްވަންވާނީ ބިމާއި ބެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކޮށް ގާނޫނީ އިންތިޒާމްގެ ތެރެއިން ކައުންސިލަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ތެރެއިން ކަމަށްވެސް އެލްޖީއޭ އިން ބުނެފައިވެއެވެ.

އެލްޖީއޭ އިން ބުނީ އެ ޝަކުވާތަކާއި ގުޅިގެން ކަންހިނގާފައިވާ ގޮތް ބަލައި އެކަން ހިނގަމުން ދަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަ ކޮށްގެން ބިމުގެ މުއާމަލާތްތައް ކުރުމަށް އެކަށައަޅާފައިވާ ގާނޫނާއި ގަވާއިދާއި އެއްގޮތަށްތޯ ބަލަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ އޮތޯރިޓީން އެ މުއާމަލާތް ބަލާ ވަކި ގޮތެއް އަންގަންދެން ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ބިން ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިއުން މަޑު ޖައްސާލުމަށް ވަނީ އަންގާފައެވެ.

އަދި އެކަން ދިރާސާ ކުރުމަށްޓަކައި ސިޓީ ކައުންސިލުން ވެހިކަލް ޕާކުރުމަށް ބިން ވިއްކުމަށް ކުރާ މުމަލާތުގެ އެންމެހާ ލިޔެކިއުންތައް މިމަހުގެ 14 ވަނަ ދުވަހުގެ ކުރީން އެލްޖީއޭއަށް ހިއްސާ ކުރުމަށް ވަނީ އަންގާފައެވެ.

ޕާކިން ސްލޮޓް ވިއްކަން ހުޅުވާލުމާއި ގުޅޭގޮތުން މޭޔަރު ޑރ މުހައްމަދު މުއިއްޒު އަވަަސް އަށް ވިދާޅުވީ މާލޭގައި ހަތަރު ފުރޮޅީ ވެހިކަލް އަށް ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށާ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އެ މައްސަލައަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ހޯދާ ދިނުމަށް ކަމަށެވެ. އަދި އެފަދަ ވެހިކަލްތަކަށް ޕާކިން ސްލޮޓެއް ނެތުމުން ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބައެއް މީހުން 80،000 ރުފިޔާއަށް ގަރާޖު ސިޓީ ވިއްކަމުންދާއިރު އެ އަގަށް ގަރާޖު ސިޓީ ގަތަސް ވެހިކަލް ބާއްވަން އެ ތަންތަން ނުލިބޭ ކަމަށެވެ.

"މާލެ ސިޓީ ކައުންސިލާ އެގްރީމަންޓް ހަދައިގެން ލިބޭ ގަރާޖް ސްލޮޓްއަކީ ވެހިކަލްގެ އުމުރަށް އެ ވެހިކަލް ބާއްވަން ޔަގީން ކަމާއެކު ދެވޭ ސްލޮޓެއް. އަދި ޕާކިން ބިލްޑިން އަޅާފައި ބިލްޑިން ތެރެއަށް ސްލޮޓް ބަދަލު ކުރުމުގެ ފުރުސަތު ދެވޭނެ،" މުއިއްޒު ވިދާޅުވިއެެވެ.

މޭޔަރު ވިދާޅުވީ ހުޅުވާލާ ޕާކިން ސްލޮޓްތަކުގެ 25 ޕަސެންޓް ހާއްސަ ކުރާނީ ޓެކްސީތަކަށް ކަމަށެވެ. ހުޅުވާލަނީ 1000 ފުރުސަތު ނަމަ އޭގެ ތެރެއިން 250 ސްލޮޓް ޓެކްސީތަކަށް ހާއްސަ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕާކިން ސްލޮޓް ދޫކުރާނީ މާލޭގައި 20 ފޫޓަށް ވުރެ ފުޅާ މަގުތަކުގެ ތެރެއިން މިހާރު ސައިކަލަށް ހާއްސަކޮށްފައިވާ ޒޯންތަކަށް ނާރާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ސްލޮޓްތައް ދޫކުރާނީ ޓްރެފިކަށް ބާރު ބޮޑުނުވާނެ ގޮތަށް ބަލައިގެން ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ސަބަބަކާ ހުރެ މިސާލަކަށް ތަރައްގީގެ މަޝްރޫއެއް ހިންގަން ޖެހިއްޖެނަމަ އެ ސްލޮޓްތައް ނަގަން ޖެހި ބަދަލުކުރަން ޖެހިއްޖެނަމަ އެކަމެއް ސިޓީ ކައުންސިލުން ކުރާނެ،"

މުއިއްޒު ވިދާޅުވީ ޕާކިން ސްލޮޓްތަކަށް އެކަމަށް އެދެވޭނީ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ކަމަށެވެ. އަދި ހުށައަޅާ ޑޮކިއުމަންޓްތައް ވެރިފައި ކުރުމަށް ފަހު ބަޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދައްކާ އެގްރީމަންޓް ކުރެވޭ ގޮތަށް ކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުން ސްލޮޓްތައް ހުރި ތަންތަނާއި ބޭނުންވާ ސްލޮޓްތައް ސެލެކްޓް ކުރެވި އެކަމަށް އެދެވޭ ގޮތަށް ޕޯޓަލް ޑިޒައިން ކުރެވިފައި ހުންނާނެ ކަމަށެވެ.

އެކަމާ ގުޅޭ ރަސްމީ އިއުލާނު ވަރަށް އަވަހަށް ގެޒެޓް ކުރެވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.