އެޗްޑީސީ

ހުޅުމާލެ ބިމެއްގެ އަގަކީ 20 ބިލިއަން ރުފިޔާއޭ؟

Feb 10, 2022
2

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލި ބިޑުތަކުން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ޖެހި ބިޑެއް ފެނިގެނެވެ. މި އަގުގައި ބިޑުކޮށްފައި ވަނީ އިބްރާހިމް މާޖިދުގެ ނަމުގައި ބިޑެއް ހުށަހެޅި ފަރާތަކުންނެވެ. ދެހާސް އަކަފޫޓުގެ ބިމަކަށް އޭނާ ހުށަހެޅި އަގާއެކު ގިނަ ބައެއްގެ ހައިރާންކަން ލިބުނެވެ. ގިނަ މީހުންގެ ސުވާލަކަށްވީ އެއީ ހަމަ ރަނގަޅު އަގެއް ހެއްޔެވެ؟ ނޫނީ އޮޅުމެއް ހެއްޔެވެ؟ ބީޗް ފްރަންޓް- އެންމެ އަތިރި މަތިން ދޭ ގޯއްޗެއްގެ އަގު މިވަރު ވެދާނެ ހެއްޔެވެ؟

މި އަގުގައި ދެވަނަ ފިޔަވަހިން ބިމެއްގެ އަގު 1،600 އަކަފޫޓަށް ބަލާނަމަ 16 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި 2،000 އަކަ ފޫޓެއް މިއަގުން ބަލައިފިނަމަ 20 ބިލިއަން ރުފިޔާ އަށް އެންމެ ބިމެއްގެ އަގު އަރައިގެންދެ އެވެ. މިއީ ދައުލަތުގެ ބަޖެޓަށް އަހަރެއްގެ މައްޗަށް ލިބޭނެ އާމްދަނީ އަށް ވުރެ މަތީ އަދަދެކެވެ. އަދި މިއީ ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުންގެ މިލްކިއްޔާތު އެއްކޮށް އަގު ކުރި ނަމަވެސް އަޅާ ނުކިޔޭނެ ވަރުގެ ބޮޑު އަގެކެވެ.

އެޗްޑީސީއިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ބިޑްތައް ހުޅުވިއިރު އަކަފޫޓެއް 10 މިލިއަން ރުފިޔާއަށް ޖަހާފައިވުމުން އެ ކުންފުނިން ވެރިފައި ކުރި ކަމަށެވެ.

"އަޅުގަނޑުމެން ބެލިން. ބެލިއިރު ދިވެހިން ވެސް ހިސާބު އަކުރުން ވެސް އެހެން [އަކަފޫޓެއް 10 މިލިއަން ރުފިޔާ] އަށް ޖަހާފައި ހުރީ. އެހެންވެ ޕަވާ އޮފް އެޓާނީ ހިފައިގެން އައި ފަރާތް ހޯދަން ވެސް މަސައްކަތް ކުރިން. އެ ވަގުތު ނެތް. އެކަމަކު ބިޑުގެ ހުރިހާ ކަމެއް ހުރީ ފުރިހަމަކޮށް. އެހެންވީމަ އެއީ ރަނގަޅު އަގެއްގެ ގޮތުގައި ބެލޭވެނީ،" އޮފިޝަލް ވިދާޅުވި އެވެ.

މި ބިޔަ ބިޑު ހުށަހެޅި މީހާ ވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި 380،000ރ. ބަހައްޓަން ޖެހޭނެ އެވެ. އެހެންވެ އޭނާ "ސަމާސާ އަކަށް'" އެކަން ކުރި ނަމަވެސް ބިޑް ސެކިއުރިޓީ ފައިސާ ގެއްލޭނެ އެވެ. އަދި ބިޑް ސެކިއުރިޓީ އިންޝުއަރެންސް 8،000ރ. ގެ ޕްރިމިއަމްއެއް ދައްކައިގެން ނެގި ނަމަވެސް އެ 8،000ރ. އެ ވަނީ ފެނަށެވެ. އެހެންވެ މިވަރުގެ ކަމެއް "ހަމަހޭގައި ހުރި މީހަކު" ނުކުރާނެ އެވެ.

މި ބިޑުގައި އެންމެ ބޮޑު އަގެއް ޖަހާފައި ވަނީ އަކަފޫޓެއް 10،000ރ. އަށެވެ. އަދި އެންމެ ދަށް އަގަކީ އަކަފޫޓެއް 6،000ރ. އެވެ.

ބިޑް ހުށަހެޅި ފަރާތްތަކުގެ އަގުތައް

  • އިބްރާހިމް މާޖިދު: 10 މިލިއަން
  • އައިޝަތު ޒައިނާ ނާޒިމް: 10،220ރ.
  • މަރިޔަމް ޒައްފަ ނާޒިމް : 10،220ރ.
  • ހައްވާ ޒާހިރާ : 9،112.99ރ.
  • ފާތިމަތު އިޝާ މުހައްމަދު : 9،105.99ރ.
  • ޒީނިޔާ އަބްދުލް ބާރީ : 8،227.86ރ.
  • ހަނާން ހަސަން : 8،227،86ރ.
  • އަހްމަދު ހަލީމް : 8،188.88ރ.
  • އާމިރު މަންސޫރު : 7،711.99ރ.
  • މޫސާ އިބްރާހިމް ދީދީ : 7،615ރ.
  • މުހައްމަދު އަނިލް ނަދީމް : 7،555.99ރ.
  • އަހްމަދު ޝަމްހީދު : 7،551ރ.
  • މުހައްމަދު ހައިކަލް އައްބާސް : 7،509ރ.
  • އާސިމާ އަލީ : 7،311.45ރ.
  • މުހައްމަދު މުންޝިތު އިބްރާހިމް : 7،275.69ރ.
  • އިމްރާން ޒާހިރު : 7،170ރ.
  • އައްބާސް މުހައްމަދު : 7،157.79ރ.
  • ފާތިމަތު ނަސީމާ : 7،111ރ.
  • އިބްރާހިމް އާސިމް : 7،081ރ.
  • މަރިޔަމް ޝިފާ : 7،080ރ.
  • ފާތިމަތު ޒާހިދާ : 7،000ރ.
  • މަރިޔަމް އަޒްހާ އިބްރާހިމް : 6،900ރ.
  • އަނާރާ ނައީމް : 6،802ރ.
  • ޔަމާމާ ނަޝީދު : 6،799ރ.
  • މާޖިދާ އިބްރާހިމް : 6،790ރ.
  • އިބްރާހިމް މުއާވިން : 6،759.11ރ.

އެޗްޑީސީގައި ކުރިން އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެވި ބޭފުޅަކު ވިދާޅުވި ގޮތުގައި އެއީ އޮޅުމެއްގެ ގޮތުގައި 100 ޕަސެންޓް ޔަގީންކަމާއެކު ބުނެވި ދާނެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިއްޔެ ބިޑަށް މާސިންގަހާ އަގެއް ޖެހި ނަމަވެސް އެ ބިޑް ކެންސަލެއް ނުވާނެ އެވެ. ސަބަބަކީ މި ބިންތައް ދޭނީ އެންމެ މަތިން އަގު ހުށަހެޅި ފަރާތްތަކަށް ކަމަށްވުމެވެ. ނަމަވެސް އެންމެ ބިމެއް 16 ބިލިއަން ރުފިޔާއަށް ނޫނީ 20 ބިލިއަން ރުފިޔާއަށް ވިކިދާނެ ކަމަށް ބުނުމަކީ ބުއްދިހުރި މީހަކު ގަބޫލު ކުރާނެ ކަމެއް ނޫނެވެ.