ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިނުގެ ހަތަރުވަނަ ޑޯޒެއް ޖެހި މައްސަލަ ބަލަނީ

Feb 10, 2022
1

ގއ. ދާންދޫގައި އުމުރުން ދުވަސްވީ އަންހެނެއްގެ ގަޔަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖެހި މައްސަލައެއް ބަލަން ފަށައިފި އެވެ.

ދާންދޫ ސިއްހީ މަރުކަޒުން މީގެ ކުރިން ކޮވިޑްގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖަހާފައިވާ މީހެއްގެ ގަޔަށް އިއްޔެ އެ މަރުކަޒުން ވަނީ ހަތަރު ވަނަ ޑޯޒެއް ޖަހާފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ މަރުކަޒުގެ މުވައްޒަފުންނަށް އޮޅިގެން ވެކްސިންގެ ހަތަރުވަނަ ޑޯޒެއް ޖަހާފައި ވަނީ އުމުރުން 82 އަހަރުގެ އަންހެނަކަށް ކަމަށެވެ.

އާސިފް ވިދާޅުވީ ސިއްހީ މަރުކަޒުން އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރުމުން އެ މައްސަލަ އެޗްޕީއޭ އިން ބަލަމުންދާ ކަމަށެވެ. އަދި އަންހެން މީހާ 24 ގަޑިއިރު ވަންދެން ހޮސްޕިޓަލްގައި ބާއްވައިގެން މޮނިޓާ ކުރުމަށާއި އެއްވެސް ސީރިއަސް ކަމެއް އުޅޭނަމަ އެޗްޕީއޭ އަށް އެންގުމަށް އެދިފައިވާ ކަމަށެވެ.

"އަޅުގަނޑު ރޭގައި ވެސް އަދި މިއަދު ވެސް މިއައީ އެ ދައްތައާ ބައްދަލުކޮށްލާފައި. ދައްތަ ބުނާ ގޮތުން އެއްވެސް ކަހަލަ އުނދަގުލެއް ބަލިކަމެއް ވެކްސިނާ ގުޅިގެން ނެތް. އުމުރުން ދޮށި ނަމަވެސް އަނެއްހެން މާގިނަ ސިއްހީ މައްސަލަތަކެއް ވެސް އެ ދައްތަގެ ނެތް،" އާސިފް ވިދާޅުވި އެވެ.

އެޗްޕީއޭގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއެރެންސް ތަސްލީމާ އުސްމާން ވެސް ވަނީ ދާންދޫގައި މީހެއްގެ ގަޔަށް ހަތަރު ވަނަ ޑޯޒެއް ޖެހި މައްސަލައެއް ބަލަމުންދާ ކަމާއި އެމީހާގެ ހާލު ރަނގަޅު ކަން އަވަސް އަށް ޔަގީންކޮށްދެއްވާފަ އެވެ.

ރާއްޖޭގައި އާންމުކޮށް އެންމެން ހުޅުވާލައިގެން ބޫސްޓާ ޖަހަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 15 ދުވަހު އެވެެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަމުންދަނީ ފައިޒާ ވެކްސިނެވެ.

ބޫސްޓާ ޑޯޒް ޖަހާފައިވާ މީހުންނަށް ދަތުރުކުރުމާއި ކަރަންޓީންވުމުގައި ސަރުކާރުން ވަނީ ލުއި ގޮތްތައް ހަމަޖައްސައިދީފަ އެވެ. ރާއްޖޭގައި މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް 98،014 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.