ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކ. އަތޮޅުގެ ހިދުމަތްތެރިޔާ ރައޫފްގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Feb 10, 2022

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު، މިދިޔަ އަހަރު ހާސިލް ކުރެއްވި ކ. ތުލުސްދޫ އިޔުރިޝް، އިބްރާހީމް ރައޫފް، އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވީ، މިއަދު އާސަހަރާ އަށް ވަޑައިގެން، ރައޫފްގެ މޫނު ދެކެވަޑައިގެން، ރައޫފްގެ އަނބިކަނބަލުން އިނާޔާ މޫސާއާއި، އާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވަ އެވެ.

އިބްރާހީމް ރައޫފް އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، ރޭ މެންދަމުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އަވަހާރަވިއިރު އުމުރަކީ 59 އަހަރެވެ.

ރައޫފަށް ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އެރުވީ، މިދިޔަ އަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ސޯލިހު އެވެ.

އިބްރާހީމް ރައޫފަކީ 38 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރައޫފް ވަނީ މާލެއަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމު،
ދެ ދައުރު ފުރިހަމަކުރައްވައި، ތިންވަނަ ދައުރުގައި ރައީސްކަންވެސް ކުރައްވާފަ އެވެ.

އިބްރާހީމް ރައޫފް، ސަރުކާރުގެ ޚިދުމަތް ފެއްޓެވީ ސެޕްޓެންބަރު 12، 1982 ގައެވެ. އަތޮޅުއޮފީހުގައި ހިދުމަތް ކުރައްވަން ފެއްޓެވީ އޮގަސްޓ 13، 1984 ގައެވެ. ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، ކ. އަތޮޅު އޮފީހުގެ ސެކްރެޓަރީ ކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ހިމެނެ އެވެ.

އިބްރާހީމް ރައޫފަކީ، އަތޮޅުގެ ތަރައްގީއަށާއި ކުރިއެރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެކިއެކި މުބާރާތްތައް ބޭއްވުމުގައްޔާއި، ރަށު ކައުންސިލްތައް ހިނގާނުހިނގާ ގޮތް މޮނިޓާ ކުރެއްވުމުގައްޔާއި، ރަށްރަށުގައި އަލަށް އިންތިޚާބުވާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން، ގާނޫނުތަކަށް އަހުލުވެރިކުރުވުން ފަދަ ގިނަ މަސައްކަތްތަކެއް އިސްނަންގަވައިގެން ކުރައްވާފައިވެ އެވެ.