ދުނިޔެ

ހިލަރީއަކީ ދޮގުވެރިއެއް، ހުރިހާ ކަމެއްގައި ހަދަނީ ދޮގު: ޓްރަމްޕް

ހިލަރީ ކްލިންޓަނަކީ ހުރިހާ ކެމެއްގައިވެސް ދޮގު ހަދައި ދޮގުވެރިއެއް ކަމަށް އެމެރިކާގެ ރައީސް ކަމަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ކަނޑައަޅާ ކެނޑިޑޭޓްގެ ޓިކެޓް ހޯއްދަވަން މަސައްކަތް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް، ހިލަރީއަށް ވަރުގަދަ ރައްދެއް ދެއްވާފައިމިވަނީ ހިލަރީ ކްލިންޓަނުގެ ބަހުގެ ހަމަލާތަކެއް ޓްރަމްޕަށް އަމާޒުވުމާ ގުޅިގެންނެވެ. ޑިމޮކްރަޓިކް ކެނޑިޑޭޓް ހިލަރީ، ޓްރަމްޕަށް ބަހުގެ ހަމަލާތަކެއް ދީފަިއވަނީ ޑިމޮކްރަޓިކް ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ހިލަރީ ވިދާޅުވެފައިވަނީ އައިއެސް ފަދަ ޖަމާއަތްތައް ވަރުގަދަ ވަނީ ޓްރަމްޕް ފަދަ ބޭފުޅުންގެ ސަބަބުން ކަމަށާއި ޓްރަމްޕްގެ ސަބަބުން އައިއެސްއަށް ގިނަ ބަޔަކު ގުޅެމުންދާ ކަމަށެެވެ. ހިލަރީ ވިދާޅުވި ގޮތުގައި އައިއެސްއަށް ގުޅޭ މީހުން އިތުރުވުމުގެ ޒިންމާ ނަގަންޖެހޭނީ ޓްރަމްޕް ކަމަށެވެ.

ހިލަރީ ވިދާޅުވީ، އައިއެސްއިން ދަނީ މުސްލިމުންނަށް ޓްރަމްޕްގެ ފާނޑުކިޔާ މުސްލިމުން ބޮއެކޮޓްކުރުމަށް ގޮވާލައި ވީޑިއޯތައް މީހުންނަށް ދައްކައި ނަފުރަތު އުފައްދައި، އެމެރިކާއާ ދެކޮޅަށް ނިކުންނަ މީހުން ގިނަކުރަމުން ކަމަށެވެ. ޓްރަމްޕް ވަނީ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމަށް ގޮވާލާފައެވެ. ޓްރަމްޕްގެ މި ވާހަކަތަކަށް ދުނިޔޭގެ ގިނަ ލީޑަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ހިލަރީގެ ވާހަކަތައް ރައްދު ދެއްވަމުން، ޓްރަމްޕް ވިދާޅުވީ ހިލަރީއަކީ ދޮގު ހަދައި ބަލިކަށި އަންހެނެއް ކަމަށެވެ. "ހިލަރީއަކީ ދޮގު ހެދުމަށް އެވަރެއް ނެތް އަންހެނެއް،" ޓްރަމްޕް ވިދާޅުވިއެވެ.

ހިލަރީއަކީ ދޮގު ހަދައި މީހެއްކަން އެންމެންނަށް ވެސް އެނގޭކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ވީޑިއޯ އައިއެސްއިން ބޭނުންކުރާ ވާހަކައަކީ ބޮޑު ދޮގެއް ކަމަށެވެ. އަދި އެކަމަކީ "ފޮކްސް ނިއުސް"އިން ސާބިތުވެފައިވާ ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.