ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު ވާދަކުރައްވަނީ

Feb 10, 2022
3

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކުރިމަތިލެއްވުމަށް ނިންމަވައިިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އެންމެ ފަހުން ހުންނެވި މިނިސްޓަރު ފައްޔާޒުގެ ޅިޔަނު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ މަގާމުގެ ދައުރު މިއަދު ވަނީ ހަމަވެފަ އެވެ.

އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނެ ތާރީހެއް ކަނޑައަޅާނެ އެވެ.

މިނިސްޓަރު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ އިސްބޭފުޅުން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި މިހާރު ވަނީ އިއުލާންވެސް ކުރައްވާފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މިހާތަނަށް ވާދަކުރައްވާނެ ކަމަށް އާންމުކޮށް އިއުލާން ކުރައްވާފައިވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އެވެ. އޭނާ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސް އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު އެ ދެ ބޭފުޅުން މިހާތަނަށް އެކަން ޔަގީންކޮށްދެއްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަންގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާ މަގާމަށް މީހަކު އައްޔަނު ކުރަންޖެހެ އެވެ.