ރައީސް މުހައްމަދު ނަޝީދު

ވެރިކަމުގައި އަބަދު އެމްޑީޕީން އޮންނަން "ތިރީސްޕަސެންޓް" އިސްލާހު މުހިންމު

އެމްޑީޕީގެ ވެރިކަމެއް އަބަދަށްމެ އޮތުމަށް އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ގާނޫނު އަސާސީ ބަދަލުކުރުން މުހިންމު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށެވެ.

ނަމަވެސް އެފަދަ އިން އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށެވެ.

ނަޝީދު ވިދާޅުވީ އެ އުސޫލަށް ގާނޫނު އަސާސީ ބަދަލު ކުރުން މުހިންމު ވަނީ އެމްޑީޕީން އަބަދަށް ވެރިކަމުގައި ތިބުމަށެވެ.

"އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް އަޅުގަނޑުމެން ބަދަލުވުން. 'ޕަސްޓް ޕާސް ދަ ޕޯސްޓް' އަށް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ބަދަލުވުން. އެހެން ނަމަވެސް 30 ޕަސެންޓަށް ވުރެ ދަށްވެއްޖެނަމަ އަލުން އަނބުރާ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބޭއްވުން. އެ އުސޫލަށް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފާހަގަ ވާނެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މިރާއްޖޭގައި އަބަދަށްމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށްވެސް އޮތުމަށް އެ ގޮވަމުންދާ ގޮތުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދުވެސް ކަނޑައެޅުން މުހިންމު ކަމަށެވެ. ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާއިރު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު އާންމު ގާނޫނަކުން ބަދަލުވުން އެއީ ޝަރީއަތާއި އިންސާފަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ ބާބަކީ ގާނޫނު އަސާސީގައި އެންމެ ކުޑަކުޑަ ބާބު ކަމަށާ އެ ބާބަށް އިތުރު ތަފްސީލު ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މަޖިލީހަށް ގޮނޑި އިތުރުވުމަކީ ހަރަދަށް އަންނަ ބޮޑު ބުރައެއް ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅާލައިފި ހާލަތެއްގައި މަޖިލީހަށް އަންނަން ޖެހޭ ބަދަލުތަކެއްވެސް ވާ ކަމަށާ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާ ކަމަށެވެ.

"އެހެންވީމަ ކޮންގްރެސްއެއް ބާއްވާ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ނިންމުން އެއީ ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.