އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ ބައްދަލްވުންތަކަކީ އަބަދުވެސް ވަރަށް ޝައުގުވެރި ވާހަކަތަކާއި ނިންމުންތައް އަންނަ ބައްދަލްވުންތަކެކެވެ. އެ ޕާޓީއަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައި އޮތް ޕާޓީއެއް ކަމުން ގައުމީ މަޖިލީހުގެ ގިނަ ބައްދަލްވުންތަކުގައި ވަރަށް ފާޅުކޮށް ބޮޑުކޮށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ހިޔާލެއް ހިއްސާ ކުރަމުން ގެންދެއެވެ. މިރެއަކީވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމެއް އޮންނާނެ ރެ އެކެވެ. މިރޭގެ ބައްދަލްވުން ވެގެން ދާނީ މި ފަހުގެ ތާރީހެއްގައި އެ ޕާޓީން ނިންމާނެ އެންމެ މުހިންމު އެއް ނިންމުމުން ނިންމާނެ ރެއަށެވެ. އިސްކަންދަރު ސުކޫލުގައި މިރޭ 8:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލްވުމަށް މުހިންމު ފަސް އިންތިހާބެއްގެ ތާރީހު ކަނޑައެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އެއީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ އިންތިހާބާއި ޗެެއާޕާސަންގެ އިންތިހާބު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހަކާއި އަންހެނުންގެ ރޫހުގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވާނެ ތާރީހަކާމެދުވެސް ގޮތް ނިންމުމެވެ. މިއީ ޕާޓީގެ މެންބަރުންނާއި ޖުމްލަކޮށް ހުރިހާ ރައްޔިތުންގެ ޝައުގުވެރިކަން ހުއްޓޭނެ ނިންމުމަކަށްވާނެ އެވެ.
މީގެ ތެރެއިންވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ މައްސަލައަކީ ވަކީން ޝައުގުވެރިކަން ބޮޑު ކަމަކަށް ވެގެންދާނެ އެވެ. އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން މިހާތަނަށް ދެކެވިފައިވާ ވާހަކަތަކުގެ ސަބަބުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް މިހާރުގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމަށް އެމަނިކުފާނުގެ ވަފާތެރިން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން އެކަމާ ދެކޮޅު ހައްދަވައެވެ. ރިޔާސީ ޕްރައިމަރީއެއް ނެތި އެމްޑީޕީގެ ޓިކެޓް އެއްވެސް ބޭފުޅަކަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ނަޝީދުގެ އެންމެ ވަފާތެރި މެންބަރުން ގެންދަވަނީ ފާޅުގައި ވިދާޅުވަމުންނެވެ.
އެހެން ކަމުން ރިޔާސީ ޕްރައިމަރީއެއްގެ ތާރީހު ކަނޑައެޅުމުގެ މައްސަލަ ބޮޑު ބަހުސަކަށްވުމުގެ ފުރުސަތު އެބައޮތެވެ. އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގުޅުން ކިތަންމެ ރަނގަޅު ކަމުގައި ދައްކަވަން އެ ދެ ބޭފުޅުން އަދި އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރެއްވި ނަމަވެސް ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމާއި ބާރުވެރިކަން ހޯއްދެވުމުގައި ދެ ރައީސުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އެބައޮތެވެ. ގައުމީ މަޖިލީހުގައި ދެ ރައީސުންގެ ވަފާތެރި މެންބަރުން އެބަތިއްބެވިއެވެ.
މީގެ ކުރީން ނިންމާފައިވާ ބައެއް ނިންމުންތަކުގައި ދެ ރައީސުންނަށް ވަފާތެރި މެންބަރުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައި ވެއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ކާމިޔާބު ހޯއްދަވާފައި ވަނީ ރަައީސް ސޯލިހްގެ ފެކްޝަނުންނެވެ. އެފަދަ ނިންމުންތަކާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި ހުޅުފަޅައިގެން ދިޔަނަމަވެސް މިފަހުން އެފަދަ ނިންމުމެއް ނެތުމުން ކުރީން އުފެދުނު ބައިބައިވުން ކުޑަވެ ޕާޓީގެ އެއްބައިވަންތަކަން ވަނީ އަލުން އިއާދަވެފައެވެ.
ނަމަވެސް މާދަމާ ރޭގެ ބައްދަލްވުމާއެކު އަނެއްކާވެސް ހިޔާލު ތަފާތުވުން އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށް ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވައެވެ. ހަމަ އެއާއެކު ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމާއި ބާރު ހޯއްދެވުމުގައި ދެ ރައީސުންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަން އަލުން އުފެދިގެން ދާނެ ކަމަށް އެ މެންބަރުން ލަފާ ކުރައްވައެވެ.
އަވަސްއާ ވާހަކަ ދެއްކެވި ރައީސް ސޯލިހްގެ ވަރަށް އަރިސް އަދި ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ނެތި ރަައީސް ސޯލިހަށް ދެ ވަނަ ދައުރަކަށް ޓިކެޓް އެރުވުމެވެ. އެއީ އެ ޕާޓީގެ ގައުމީ މަޖިލީހުން ކުރީން ނިންމާފައި އޮތް ނިންމެއް ކަމަށްވެސް އެ މެންބަރު ވިދާޅުވެއެވެ.
އެ މެންބަރު އެ އިޝާރާތް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީގެ މެންބަރަކަށް ވެއްޖެނަމަ އަދި އެއް ދައުރު ފުރިހަމަކޮށް އިތުރު ދައުރަކަށް އެ ބޭފުޅަކު ކުރިމަތިލައްވާނަމަ ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލީހުން ނިންމާފައި ވަނީ ޑރ. އިބްރާހިމް ދީދީ އެ ޕާޓީގެ ރައީސަކަށް އަދި އަލްހާން ފަހްމީ ޕާޓީގެ ނައިބު ރައީސަކަށް ހުންނެވި ދުވަސްވަރު ނިންމާފައި އޮތް ނިންމުމަށެވެ. ނަމަވެސް އެ ނިންމުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ޕާޓީގެ އަސާސީ ގަވާއިދުގައި ރަސްމީކޮށް ހިމަނާފައެއް ނެތެވެ.
"ޕްރައިމަރީއަށް ތާރީހެއް ކަނޑައެޅިދާނެ. ނަމަވެސް އެ އިންތިހާބުގައި ވާދަކުރަން މި ތިއްބެވީ ރައީސް ސޯލިހާއި ރައީސް ނަޝީދު. އެ ދެ ބޭފުޅުން ވާދަކުރައްވާ އިންތިހާބަކުން އެމްޑީޕީއަށް ވާނެ މޮޅެއް ނެތް. ރައީސް ސޯލިހް އިންތިހާބު ނެންގެވުމުން ދެން ނިކުންނާނެ ނަތީޖާއަކީ ކޮބައިތޯ. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއަކަށް ނުގޮސް ރައީސް ސޯލިހަށް ދެވަނަ ދައުރެއްގެ ޓިކެޓް އެރުވުން. އެއީ އަސާސީ ގަވާއިދު ތަންވެސް ދޭ ކަމެއް. އަދި ޕާޓީއަށް އެންމެ މަސްލަހަތު ހުރި ގޮތް،" އޭނާ ވިދާޅުވިއެވެ.
އެހެން މެންބަރަކު ވިދާޅުވި ގޮތުގައި އޭނާގެ ވިސްނުން ހުރީ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައި އެފަދަ ހުށައެޅުމެއް ހުށައެޅުމެވެ. އެއީ ރައީސް ސޯލިހަށް ރިޔާސީ ޕްރައިމަރީއެއް ނެތި ދެވަނަ ދައުރަކަށް ޓިކެޓް އެރުވުމެވެ. ނަމަވެސް އެކަން އެގޮތަށް ކޮށްފިނަމަ ޕާޓީގެ ތެރޭގައި ވަކި ބަޔަކު މައްސަލަ އުފައްދާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އެހެން ކަމުން އެ މައްސަލަ ސިއްރު ބައްދަލްވުމެއްގެ ގޮތުގައި ކުރިއަށް ގެންދަން ހުށައެޅުއްވުމުގެ ވިސްނުންވެސް ގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.
"މި ދެންނެވި ދެ ގޮތުންވެސް ގޮތެއް ނިންމަން ވަރަށް ފުރުސަތު ހަނި ކަަމަށް އަޅުގަނޑުވެސް ދެކެން. އެއީ ރައީސަށް ޓިކެޓް ދިނުމަށް ހުށައަޅައިފިނަމަ އެކަމާ ބަޔަކު ފާޅުގައި ދެކޮޅު ހަދާނެ. އަދި ބައްދަލްވުން ސިއްރު ކުރަން ހިފައިފިނަމަ އެކަމާވެސް ދެކޮޅު ހަދާނެ. އެއީ ހަގީގަތަކީ ގައުމީ މަޖިލީހުގެ ވަރަށް ބޮޑު އަގުލަބިއްޔަތެއް ރައީސް ސޯލިހަށް އެބައޮތް. އެހެންވީމަ ސިއްރު ބައްދަލްވުމަކުން މަޝްވަރާކޮށް ގޮތް ނިންމުމަށް ފަހު އެކަން ހާމަކުރިނަމަވެސް ކާމިޔާބު ހޯއްދަވާނީ ރައީސް. ނަމަވެސް އެ ފުރުސަތު ރައީސާ ދެކޮޅު މެންބަރުން ނުދޭނެ،" އައްޑޫ ތަމްސީލު ކުރައްވާ ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވިއެވެ.
ޕްރައިމަރީއެއް ނެތި އެމްޑީޕީގެ ރިޔާސީ ޓިކެޓް އެއްވެސް ބޭފުޅަކަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. އަދި މެންބަރު ހަސަން އަފީފް އާއި މެންބަރު މުހައްމަދު ވަހީދު (އުނގޫފާރު ވައްޑެ) ވެސް ވަނީ ވިދާޅުވެފައެވެ. އެ ބޭފުޅުންގެ ނަޒަރުގައި އެމްޑީޕީގެ ނަމުގައި އެއްވެސް އިންތިހާބެއްގައި ވާދަ ކުރެވޭނީ އެ ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީއެއްގައި ވާދަކޮށް ކާމިޔާބު ހޯދައިގެންނެވެ.
އެހެންވީމަ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ މައްސަލާގައި ޕްރައިމަރީއަކަށް ނުގޮސް ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ޓިކެޓް އެރުވުމަށް ހުށައަޅައިފިނަމަ މައްސަލަ ހޫނުވާނެ ކަމަށް ބެލެވެއެވެ.
އެ ވިސްނުމާ ދެކޮޅު ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގައި ރައީސް ސޯލިހްގެ ކިތަންމެ ބޮޑު އަޣުލަބިއްޔަތެއް އޮތަސް އެ ގޮތަށް ނިންމަން ފުރުސަތެއް ނުދާނެ އެވެ. އެކަމާ ދެކޮޅަށް "ވޯކްއައުޓް" ކުރައްވާނެ އެވެ.
އަދި ޕްރައިމަރީ ނެގޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ އިންތިހާބަކަށް ނުދާންވީ ސަބަބެއް ނެތް ކަމަށް އެ މެންބަރުން ދެކެވަޑައިގަންނަވައެވެ. އެ މޭރުމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްވެސް ވަނީ ކުރީން ވާހަކަ ދައްކަވާފައެވެ.
"އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮންނާނީ ޕްރައިމަރީއަކަށް ދާންޖެހޭ ވާހަކަ. އެހެންވީމަ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅިއްޔާ ޕްރައިމަރީއަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ. އެއްގޮތަކަށްވެސް މިހާރު ހުންނަވާ ރައީސަކަށް ތަބަކަކަށް ލާފައި ދޭ ގޮތަކަށް ނޫން އޮންނާނީއެއް. ރައީސުލްޖުމްހޫރިއްޔާ އެންމެ ތާއީދު ބޮޑު ކަމަށް ހީފުޅުވެވަޑައިގަންނަވަންޏާ ކީއްވެތޯ ދެން މި ކަމަށް ޖެހިލުންވެވަޑައިގަންނަވަންވީ، ޕްރައިމަރީ އަކަށް ދާން. އެއީ އެހާ ތާއީދު ބޮޑު ބޭފުޅަކަށްވަންޏާ،" އަފީފް ކުރީން ވިދާޅުވިއެވެ.
ސަރުކާރަށް ތާއީދު ކުރައްވާ ގައުމީ މަޖިލީހުގެ މެންބަރުން އަފީފުގެ އެ ވާހަކަތަކަށް ރައްދު ދެއްވައެވެ. އެއް މެންބަރަކު ވިދާޅުވި ގޮތުގައި ރިޔާސީ ޕްރައިމަރީއަކަށް ވަޑައިގަތުމަށް ރައީސް ސޯލިހް ޖެހިލުންވެވަޑައެއް ނުގަންނަވައެވެ. އެކަން ކުރައްވަންވެސް އެމަނިކުފާނު ދެކޮޅެއް ނުހައްދަވައެވެ.
ނަމަވެސް މައްސަލައަކީ ޕްރައިމަރީ ނިކުންނާނެ ނަތީޖާ އެވެ. ނަތީޖާ ގަބޫލު ކުރައްވަން ރައީސް ނަޝީދު ދެކޮޅު ހައްދަވައިފިނަމަ ދެން ވާނެ ގޮތެވެ. އޭގެ ކުރީން ރިޔާސީ ޓިކެޓް ހޯދަން ދެ ރައީސުން ވާދަކުރަން ޖެހިއްޖެނަމަ އެކަމުންވެސް ޕާޓީއަށް އޮތް ގެއްލުމުން ބޮޑުވުމެވެ.
"ރައީސް ނޫޅުއްވާ ބިރުފުޅުންނެއް. މިހާތަނަށްވެސް ކޮންމެ އިންތިހާބެއް އެ ނަންގަވަނީ ރައީސް. މައްސަލަތައް އެ ނިމެނީ ރައީސް ބޭފުޅުންފުޅުވާ ގޮތަށް. ރިޔާސީ ޕްރައިމަރީއެއް އޮތުމެއް ނޫން މައްސަލައަކީ. މައްސަލައަކީ ދެ ރައީސުން އެކުގައި ވާދަކުރަންޖެހުން. އޭގެ ފަހުން ނިކުންނާނެ ނަތީޖާ،" ސަރުކާރުގެ އިސް މަގާމެއްގައިވެސް ހުންނެވި ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވިއެވެ.
މި ނޫން ގޮތަކަށްވެސް މަންޒަރު ބަދަލުވެ ފުރޮޅިގެން ހިނގައިދާނެ ކަމަށް ދެކޭ ގައުމީ މަޖިލީހުގެ މެންބަރުން އެބަތިއްބެވިއެވެ.
އެ މެންބަރުން ނަންގަވާ އެންމެ މުހިންމު ނުކުތާއަކީ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅެވެ. އެ މަސައްކަތްޕުޅުގެ ތެރެއިން ދެ ރަައީސުން އެކުގައި އެއް އިންތިހާބަކަށް ނިކުންނަވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ދާދި ފަހުން ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުން އެ މެންބަރުން މިސާލެއްގެ ގޮތުގައި ގެންނަވައެވެ.
އެ ވިސްނުމުގެ މެންބަރުން ދެކޭ ގޮތުގައި މާދަމާ ރޭގެ ބައްދަލްވުމުން ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑައެޅޭނެ އެވެ. ނަމަވެސް އެއީ ހަމައެކަނި ކަނޑައެޅޭ ތާރީހެކެވެ. އޭގެ ފަހަށް އޮތީ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަކަށް ފުރޮޅާލުމަށް ކުރަން ޖެހޭ މަޝްވަރާ ފެށުމެވެ. އެއީ ދެ ރައީސުންނާއި އެމްޑީޕީއަށް އެންމެ ފައިދާ ބޮޑު ގޮތެވެ. އަދި އެމްޑީޕީއަށް ވެރިކަމުގައި ތިބެވެން އޮތް ހަމައެކަނި ގޮތެވެ.
ދާދި ފަހުން އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއަށް ފަހު ރައީސް ނަޝީދު ވަނީ އެ މޭރުމުން ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ މެސެޖެއްވެސް ފޮނުއްވާފައެވެ.
"...އެކަމަކު 50 ޕަސެންޓު ހުރަހެއް ނުކުރި. [ވެރިކަމުގެ ނިޒާމް] ބަރުލަމާނީއަށް ބަދަލު ނުވެއްޖެނަމަ އަޅުގަނޑުމެންނަށް [އެމްޑީޕީއަށް] ވެރިކަމުގައި ނުތިބެވޭނެ،" ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބުނަސް އެކަށީގެންވާ އަދަދެއްގެ ވޯޓް އެމްޑީޕީއަށް ނުލިބޭކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮންމެ އަކަށް ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އެމްޑީޕީން ކޮންމެ ނިންމުމެއް ނިންމި ނަމަވެސް އެއީ ސިޔާސީ މަސްރަހަށް ބޮޑު ފުރޮޅުމެއް އަންނާނެ ޝައުގުވެރި ނިންމުމަކަށް ވެގެންދާނެ އެވެ.