އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް ކަނޑައެޅުން މާދަމާ ރޭ

ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މާދަމާ ރޭގެ ޖަލްސާގައި މުހިންމު ކަންތައްތަކެއް ނިންމުމަށް އެޖެންޑާ ކޮށްފި އެވެ.

މާދަމާ ރޭގެ ޖަލްސާގެ އެޖެންޑާ ގައުމީ މަޖިލީހުގެ މެންބަރުންނާއި އެ ޕާޓީގެ ސެކްރެޓޭރިއޭޓުން މިހާރު ވަނީ ހިއްސާކޮށްފައެވެ. މާދަމާ ރޭ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްކަންދަރު ސުކޫލު ހޯލްގައެވެ.

މާދަމާ ރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާއަށް މުހިންމު ފަސް އިންތިހާބެއްގެ ތާރީހު ކަނޑައެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އެ ގޮތުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ އިންތިހާބާއި ޗެެއާޕާސަންގެ އިންތިހާބު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހަކާއި ގުޅޭގޮތުން ގޮތް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ރޫހުގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވާނެ ތާރީހަކާމެދުވެސް ގޮތް ނިންމަން ވަނީ އެޖެންޑާ ކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހަކާއި ގުޅޭގޮތުން ގޮތް ނިންމުމަށް އެޖެންޑާ ކޮށްފައިވާއިރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް މިހާރުގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމަށް އެމަނިކުފާނުގެ ވަފާތެރިން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން އެކަމާ ދެކޮޅު ހައްދަވައެވެ. ރިޔާސީ ޕްރައިމަރީއެއް ނެތި އެމްޑީޕީގެ ޓިކެޓް އެއްވެސް ބޭފުޅަކަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ނަޝީދުގެ އެންމެ ވަފާތެރި މެންބަރުން ގެންދަވަނީ ފާޅުގައި ވިދާޅުވަމުންނެވެ.

ނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވީ އެމްޑީޕީގެ ގަވާއިދު ބުނާ ގޮތުން ރައީސް ސޯލިހަށް ޕްރައިމަރީއެއް ނެތި ދެވަނަ ދައުރަކަށް ޓިކެޓް ލިބިވަޑައިގަންނަވަން ޖެހިވަޑައިގަންނަވަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީގެ މެންބަރަކަށް ވެއްޖެނަމަ އަދި އެއް ދައުރު ފުރިހަމަކޮށް އިތުރު ދައުރަކަށް އެ ބޭފުޅަކު ކުރިމަތިލައްވާނަމަ ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލީހުން ނިންމާފައި ވަނީ ޑރ. އިބްރާހިމް ދީދީ އެ ޕާޓީގެ ރައީސަކަށް އަދި އަލްހާން ފަހްމީ ޕާޓީގެ ނައިބު ރައީސަކަށް ހުންނެވި ދުވަސްވަރު އެވެ.

"އެމްޑީޕީގެ ގަވާއިދު ބުނާ ގޮތުން ނަމަ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބެން ޖެހޭ. ދެން އިލެކްޝަނަށް އެ ގަވާއިދު ފޮނުވާފައި ނެތް ކަމަށް ވެދާނެ. ނަމަވެސް ގައުމީ މަޖިލީހަކުން އެ ނިންމުން ނިންމި. އެއިރެއްގައި ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެއްޖެއްޔާ ރައީސުލްޖުމްހޫރިއްޔާއަކީ އެންމެ އިސް ފަރާތްތަކަށް. އޭގެ މާނައަކީ މި ވަގުތުގައި އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ ރައީސް ސޯލިހޭ. އެއީ ނިންމި ނިންމުމެއް. އެހެންވީމަ ޕްރައިމަރީއަކާއި ނުލައި ރައީސަށް [ރައީސް ސޯލިހަށް] ޓިކެޓް ލިބިވަޑައިގަންނަވަން ޖެހޭ،" ސަނީފް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ނިންމާނީ ރިޔާސީ ޕްރައިމަރީއަކުން ކަމަށާ މިހާރު ހުންނެވި ރައީސަށް ތަބަކަކަށްލާފައި ރިޔާސީ ޓިކެޓް ދެވިދާނެ ކަަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ލިޔެފައި ނޯންނާނެ ކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ވިދާޅުވެފައެވެ.

އަފީފް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮތް ގޮތުން ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ ޕްރައިމަރީއަކުން ކަމަށެވެ. އިންތިހާބުގައި ވާދަކުރަން ބޭނުންފުޅުނަމަ ކޮންމެ ބޭފުޅަކުވެސް ޕްރައިމަރީގައި ވާދަކޮށް ކުރި ހޯއްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ އެވަގުތަކު ހުންނަވާ ރައީސަކަށް ތަބަކަކަށްލާފައި ދޭ ގޮތަށް އޮންނަ ކަމެއް ނޫން ކަމަށެވެ.

"އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮންނާނީ ޕްރައިމަރީއަކަށް ދާންޖެހޭ ވާހަކަ. އެހެންވީމަ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅިއްޔާ ޕްރައިމަރީއަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ. އެއްގޮތަކަށްވެސް މިހާރު ހުންނަވާ ރައީސަކަށް ތަބަކަކަށް ލާފައި ދޭ ގޮތަކަށް ނޫން އޮންނާނީއެއް،"

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާއި ގުޅޭގޮތުން ސުވާލު ކުރުމުން އަފީފު ވިދާޅުވީ އަސާސީ ގަވާއިދުގައި އެ ވާހަކަ ނެތް ކަމަށެވެ. އަސާސީ ގަވާއިދުގައި އޮތީ ޕްރައިމަރީއަކަށް ދާން ޖެހޭ ވާހަކަ ކަމަށް ވިދާޅުވެ އެ ވާހަކަ ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ބޮޑު ނަމަ ޕްރައިމަރީއަކަށްދާން ޖެހިލުންވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެންމެ ތާއީދު ބޮޑު ކަމަށް ހީފުޅުވެވަޑައިގަންނަވަންޏާ ކީއްވެތޯ ދެން މި ކަމަށް ޖެހިލުންވެވަޑައިގަންނަވަންވީ، ޕްރައިމަރީ އަކަށް ދާން. އެއީ އެހާ ތާއީދު ބޮޑު ބޭފުޅަކަށްވަންޏާ،" މަޖިލީހުގެ ރިޔާސަތަށް ގެންނަވަން ރައީސް ސޯލިހް އިހްތިޔާރު ކުރެއްވި އަފީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ނަމުގައި އެއްވެސް އިންތިހާބެއްގައި ވާދަ ކުރެވޭނީ އެ ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީއެއްގައި ވާދަކޮށް ކާމިޔާބު ހޯދައިގެން ކަަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.

ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ވެސް މަޖިލީހަށް އިންތިހާބަށް ވެސް އަދި ލޯކަލް ކައުންސިލް އިންތިހާބަށް ވެސް އެމްޑީޕީގެ ޓިކެޓް އެއްވެސް ބޭފުޅަކަށް ލިބިވަޑައިގަންނަވާނީ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯދައިގެން ކަމަށެވެ. އެ ނޫން ގޮތަކަށް އެއްވެސް ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ނުލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ނޫން ގޮތަކަށް އަމަލުކޮ ށްފިނަމަ އެކަމުން އެމްޑީޕީގެ ތަސައްވުރަށް ވަރަށް ބޮޑަށް ކިލަނބުވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް މަލާމަތް ކުރީން ޕްރައިމަރީއަކާއި ނުލައި ރައީސް ޔާމީނަށް ޓިކެޓް ދިނީމަ. އެކަން އެމަގުން ކޮށްފިނަމަ އެމްޑީޕީގެ ތަސައްވުރު ވަރަށް ބޮޑަށް ކިލަނބު ވެގެން ދާނެ،" ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ކުރިއަށް ގެންދިޔަ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ރައީސް ސޯލިހް ރަސްމީކޮށް ޝައުގުވެރިކަން ފާޅުކުރައްވާފައި ނުވި ނަމަވެސް އެމަނިކުފާނުގެ ވަޒީރުން ގެންދަވަނީ އިތުުރު ދައުރަކަށް އެމަނިކުފާނު އިންތިހާބު ކުރަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. އަނެއް ކޮޅުން ރައީސް ނަޝީދު ވަނީ 2023 ގައި ރިޔާސީ އިންތިހާބެއް ބާއްވާނަމަ އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ އިންތިހާބުން ކާމިޔާބު ހޯއްދަވާ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށްވެސް ކުރީން ވިދާޅުވެފައެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ އުންމީދު ކުރައްވަނީ 2023ގެ ރިޔާސީ އިންތިހާބު ކެންސަލް ކުރައްވާ 2024 ގައި ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުން ކަަމަށެވެ. އެ މަަގަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ދާދި ފަހުން އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ އަށް ފަހުވެސް ނަޝީދު ވަނީ އެމްޑީޕީއަށް ދެވަނަ ފުުރުސަތެއް އޮތީ ބަރުލަމާނީ ނިޒާމުން ކަމަށް ވިދާޅުވެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ މެސެޖެއް ދެއްވާފައެވެ.