ބަރުލަމާނީ ނިޒާމް

ކުޅިފަސް މިއަދު ހޯދާނީ ކޮން ބޭފުޅެެއް؟

Aug 21, 2022

މިއަދަކީ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ނިމުމަކަށް އަންނަ ތާރީހީ ދުވަހެވެ. ހުރިހާ ލޯތަކެއް އަމާޒުވެފައި ހުރީ އެއް ދިމާލަކަށެވެ. އެއީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ނިޒާމު ބަދަލުކުރުމުގެ ގަރާރަށެވެ.

ނިޒާމު ބަދަލްކުރުމުގެ ވާހަކައަކީ މި ފަހަކަށް އައިސް ރައީސް ނަޝީދު ވަރަށް ހަރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަ އެކެވެ. ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މެދުތެރެއިން މިވާހަކަ މާގަދައަށް ދެކެވެން ފެށުނެވެ. އެހެންނަމަވެސް މިވާހަކައަށް މާބޮޑު ތަރުހީބެއް ލިބޭތީ އެއް ނުފެނެ އެވެ.

ހުދު ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީގެ ތެރެއިންވެސް މި ވާހަކައަށް ލިބެމުން ދަނީ ފިނި ތަރުހީބެކެވެ. އެމްޑީޕީގެ ލީޑަޝިޕަށް ނިސްބަތްވާ މަދު ބަޔަކު މެނުވީ މިކަމަށް ވަކާލާތު ކުރާތީ އެއްވެސް ނުފެނެ އެވެ. އެހެންނަމަވެސް އެމަދު ބޭފުޅުންކޮޅުގެ އަޑު މަޑަކޭ ނުދެންނެވޭނެ އެވެ. ހަމަ ގައިމުވެސް އަޑު އެބަހުއްޓެވެ. ސުވާލަކީ ރައީސް ނަޝީދު ބޭނުންވާ ގޮތަށް އެކަން ވާނެތޯ އެވެ.

މަސައްކަތް ކާމިޔާބު ކުރުމަށް ރައީސް ނަޝީދަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމްޑީޕީގެ އިސް ލީޑަރު، އަދުގެ ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނިޒާމު ބަދަލުކުރުމަށް ދެކެވޭ ވާހަކައިގައި ރައީސް ސޯލިހްގެ ވިސްނުންފުޅު ވަރަށް ސާފުކޮށް ވަނީ ތަފާތު އެތަކެއް ޕޯޑިއަމްތަކުގައި ހާމަކުރައްވާފަ އެވެ.

އަޅުގަނޑަށް ޕާސަނަލީ ގަބޫލުކުރެވެނީ މިހާރު މިއޮތް ގޮތަށް ރައްޔިތުންގެ ސީދާ ވޯޓަކުން ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތުން ހޮވާ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން. ދެވަނަ ކަމެއްގެ ގޮތުގައި ރައްޔިތުން އިންތިހާބު ކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮތުން. މިނިވަންކަމާއެކުގައި ޝަރީއަތްކުރާ ގޮތަށް ޖުޑިޝަރީ އޮތުން. ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އަޅުގަނޑު ގަބޫލުކުރާ ނިޒާމު
އިބްރާހީމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ސޯލިހު އަބަދުވެސް ވިދާޅުވަނީ ރައްޔިތުންގެ ބަހުސަކަށް ފަހު، ރައްޔިތުންގެ ސިއްރު ވޯޓަކުން، ރައްޔިތުން މިހާރު މިތިބީ ރިޔާސީ ނިޒާމު އިހްތިޔާރުކޮށްގެން ކަމަށެވެ. އެހެން އެކަން އޮތްއިރު މިވަގުތު ނިޒާމު ބަދަލުކުރުމަށް ތާއީދު ކުރެވެން ނެތް ކަމަށެވެ.

ރައީސް ސޯލިހް ގަބޫލުކުރައްވާ ގޮތުގައި ނިޒާމު ބަދަލުކުރުމަށް އެތައް މިލިޔަން ރުފިޔާއެއް ހޭދަކުރުމަށް ވުރެ ގައުމަށާއި ރައްޔިތުންނަށް މިވަތު ކޮށްދޭން ހުރި ކަންކަން ކުރުން މާމުހިއްމެވެ.

ރައީސް ނަޝީދުގެ ބަރުލަމާނީ ގަރާރު އެމްޑިޕީގެ ކޮންގްރެސްއަށް ހުށަހެޅުމުން އެ ގަރާރު އަނބުރާ ގެންދިއުމަށް ވެސް ރައީސް ސޯލިހް އިލްތިމާސްކުރެއްވި އެވެ. އެހެންނަމަވެސް އެ އިލްތިމާސަށް ބީރު ކަންފަތެއް ދެއްވައި ރައީސް ނަޝީދު ހުންނެވީ އެމަނިކުފާނު ނިންމެވި ގޮތުގައި ކުރިއަށް ވަޑައިގަތުމަށެވެ. އަދި ނިޒާމު ބަދަލުކުރުމުގެ މައްސަލަ އަކީ ރައީސް ސޯލިހާއި ބެހިވަޑައިގަންނަވާ ކަމެއް ނޫންކަމާއި އެކަމުގެ ތެރެއަށް ރައީސް ވަދެވަޑައި ގަންނަވަން ނުޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިބާވަތުގެ ނިޒާމީ ވާހަކައަކަށް ރައީސުލްޖުމްހޫރިއްޔާ ވެދެވަޑައިގަންނަވާކަށް އެއްގޮތަކަށްވެސް ޖެހިވަޑައެއް ނުގަންނަވާނެ. އެއްގޮތަކަށްވެސް ރައީސުލްޖުމްހޫރިއްޔާއާ ބެހޭވެސް ވާހަކައެއް ނޫން މިއީ ހަގީގަތުގައި." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ބަރުލަމާނީ ގަރާރު ކޮންގްރެސްއަށް ހުށަހެޅި ހިސާބުން އެމްޑީޕީގެ އިސް ލީޑަޝިޕްގައި އުޅުއްވާ ވަރަށް ގިނަ ބޭފުޅުން އެބޭފުޅުންގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެ އެބޭފުޅުންގެ ތާއީދު މިޑިއާ އަށް ހާމަކުރައްވައިފި އެވެ. އަދި އެމްޑީޕީގެ ޗެއޕާސަން ފައްޔާޒް އިސްމައިލް ވެސް ވަނީ އޭނާ އަކީ ފެށުނީއްސުރު ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި މަޖިލިސް މެންބަރުންވެސް އެބޭފުޅުންގެ ތާއީދު ރިޔާސީ ނިޒާމަށް އޮތްކަން، އާންމުކޮށް ހާމަކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ބަރުލަމާނީ ކެމްޕޭނަށް ޕާޓީގެ ތެރެއިން ފިނި ތަރުހީބެއް ލިބެމުންދާއިރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ނިޒާމު ބަދަލުކުރުމާ މުޅިން ދެކޮޅެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި އަދި އެމްއާރްއެމްގެ ޒައީމު މައުމޫން އަބްދުލްގައްޔޫމު ވެސް ހުންނެވީ ރިޔާސީ ނިޒާމް އެއީ އެންމެ ރަގަޅު ނިޒާމު ކަމަށް ގަބޫލު ކުރައްވައިގެންނެވެ.

ދެން އޮތީ މި ވަގުތު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކެވަޑައިގަންނަވާ ގޮތެވެ. ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ނިޒާމު ބަދަލުކުރަންވީ ވަގުތެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި މި އުޅެނީ ނިޒާމުގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ ނިޒާމު ހިންގަން ތިބި މީހުންނެވެ.

ކަން މިހެން އޮތް އިރު މި މައްސަލާގައި ގޮތެއް ނިންމުމުގެ ފުރަތަމަ މަރުހާލާ މިއަދު އޮންނަ އެމްޑީޕީ ކޮންގްރެހަށް ހުށަހެޅި ބަހުސްކުރެވި، މަޝްވަރާ ކުރެވި، ވޯޓަށް އެހި ގޮތެއް ނިންމާނެ އެވެ. އެ ގަރާރު ރައީސް ނަޝީދު ހުށަހެޅުއްވި ގޮތަށް ފާސްވެއްޖެ ނަމަ އެއީ ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު ކާމިޔާބި އެކެވެ.

ރައީސް ނަޝީދުގެ ބަރުލަމާނީ ގަރާރު ނާކާމިޔާބު ވެއްޖެނަމަ އެކަން ވެގެންދާނީ ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ވެއްޓުމަކަށެވެ. އަދި ސިޔާސީ ގޮތުން ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމަކަށެވެ.

ފެންނަ މަންޒަރާއި ކޮންގްރެސް އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އައި މަންދޫބުންގެ ވާހަކަތަކަށް ބަލާއިރު ބޮޑުތަނުން މި ކޮންގްރެސް ގައި ބަރުލަމާނީ ގަރާރު ފެއިލްވެގެން ދާނެ އެވެ. އަދި ރައީސް ސޯލިހާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބޭނުންފުޅުވާ ގޮތަށް ގަރާރުގެ ކަންކަން ނިމިގެންދާނެ އެވެ.

މި ގަރާރު ފެއިލްވެ "ސަޕްރައިޒިން" އެހެން ކަމެއްވެސް މި ކޮންގްރެސް ގައި ހިނގުމަކީ ގާތް ކަމެކެވެ. ލަނީ ސިއްރު ވޯޓެކެވެ.

މާގިނަ އިރުތަކެއް ނެތެވެ. ބަލަންތިބެމާ ހިނގާށެވެ. ކަންވެ ހިމުންވާ ގޮތް އަޅުގަޑުމެންގެ ލޯ ކުރިމަތީ ތަމްސީލް ވާނެ އެވެ.

މިފަހަރު ކުޅިފަސް ލިބޭ މީހެއްގެ ވިދުން އެމްޑީޕީގެ އުދަރެހުގައި ފިސާރި ވަރުގަދައަށް ފާއްދާ ލާނެ އެވެ. ބަލިވާ މީހަކު އެމްޑީޕީގެ ވެއްޔާއި ހިރަފުގެ ތެރެއަށް ފަސޭހަކަމާއި އެކު އޮބިގެން ދާނެއެވެ.