ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަރުލަމާނީ ނިޒާމު ގަރާރު ގެންދިއުމަށް ރައީސް އެދިވަޑައިގެންފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ތާއީދުނުކުރައްވާ ކަމަށާއި އެ ގަރާރު އަނބުރާ ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދިއުމަށް ރައީސް ސޯލިހް ގޮވާލެއްވީ މިއަދު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި ވެރިކަމުގެ ނިޒާމުގެ މައްސަލައެއް އޮތް ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ. ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްނުވާނެ ކަމުގެ ޔަގީންކަމެއްވެސް ދެއްވެވި އެވެ.
ބަރުލަމާނީ ގަރާރު ފާސްވެއްޖެނަމަ އެކަމާ ގުޅޭ މަސައްކަތްތައް ފެށޭނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށްވާތީ މަޖިލީހުގައި އެކަމުގެ ބަހުސްތައް ކުރަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ މިވަގުތު ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުން މާމުހިއްމު ކަމަށެވެ. ރައީސް ނަޝީދު ބަރުލަމާނީ ގަރާރު ހުށަހެޅުއްވީ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ނުކޮށް ކަމަށް ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ ގަރާރު އޮތީ "ޅަފަތުގައި" ކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންވާ ބޭފުޅުން އެކަމުގައި ރައްޔިތުންގެ ގާތަށް ގޮސް ނިޒާމާ ގުޅޭ މައުލޫމާތުދީ ކަންކަން އޮޅުންފިލުވައިދިނުމަށްފަހު އެމަސައްކަތް ފަހުން ކުރެވިދާނެ ކަމުގައި ވިދާޅުވި އެވެ. އަދި ވެރިކަމުގެ ނިޒާމުގެ މައުލޫމާތުދޭ އިރު ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ހުރި ފައިދާ އާއި ގެއްލުންވެސް ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

އަޅުގަނޑަށް ޕާސަނަލީ ގަބޫލުކުރެވެނީ މިހާރު މިއޮތް ގޮތަށް ރައްޔިތުންގެ ސީދާ ވޯޓަކުން ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތުން ހޮވާ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން. ދެވަނަ ކަމެއްގެ ގޮތުގައި ރައްޔިތުން އިންތިހާބު ކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮތުން. މިނިވަންކަމާއެކުގައި ޝަރީއަތްކުރާ ގޮތަށް ޖުޑިޝަރީ އޮތުން. ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އަޅުގަނޑު ގަބޫލުކުރާ ނިޒާމު،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ބަރުލަމާނީ ގަރާރު އިއްޔެ އާންމުކުރެއްވުމަށްފަހު އެ ގަރާރުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސް ނަޝީދު އިއްޔެ ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. ރައީސް ނަޝީދުގެ ބަރުލަމާނީ ގަރާރުގައިވާ ގޮތުން ބޮޑުވަޒީރު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީ އަކުންނެވެ. އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ މަޖިލީހުން ގޮނޑި ކާމިޔާބު ކުރާ ޕާޓީތަކާ ގުޅިގެން ސަރުކާރު އެކުލަވާލެވިދާނެ ކަމަށް ގަރާރުގައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ އާންމު ވޯޓަކުންނެވެ.

ގަރާރުގައިވާ ގޮތުން ބޮޑުވަޒީރަށް ވަޒީރުންގެ މަޖިލިސް އެކުލަވާލުމަށް ބާރު ލިބިވަޑައިގެންނެވި ނަމަވެސް ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރު އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާ ބޮޑުވަޒީރު ހޯއްދަވާ ޖެހިވަޑައިގަންނަވަ އެވެ.

ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތައް

  • ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތައް
  • މިނިވަން ކޮމިޝަންތަކާއި މަގާމުތަކަށް މީހުން އައްޔަންކުރުން
  • ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު
  • ސިފައިންގެ އެންމެ މަތީވެރިޔާ
  • ތަހުގީގީ ކޮމިޝަންތައް އުފެއްދުން
  • ހަނގުރާމަ ނުވަތަ ސުލްހަ އިއުލާންކުރުން
  • ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން
  • ކުށްވެރިންނަށް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުން
  • ގައުމީ މައްސަލަތަކުގައި ރައްޔިތުންގެ ވޯޓު ނެގުން
  • ސަފީރުން އައްޔަންކޮށް ސަފީރުންގެ ފަތްކޮޅު ބަލައިގަތުން
  • ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަނޑައެޅުން
  • އިނާމާއި ޝަރަފާއި ލަގަބާއި މެޑަލް ދިނުން

ނަޝީދުގެ ގަރާރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 މެންބަރުންނަށް ވުރެ އިތުރު ނުވާނެހެން ހަމަޖެއްސުމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި ސުޕްރީމް ކޯޓުގައި ތިއްބަވަންޖެހޭ ފަނޑިޔާރުންގެ އަދަދާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ އަސާސީ ސިފަތައް ގާނޫނު އަސާސީގައި ހިމެނުމަށްވެސް ހުށަހަޅުއްވާފައިވެ އެވެ.
-- ތަފްސީލް އަންނަނީ --