ކުރިއަށް އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަން ނިންމެވި ނިންމުމަކީ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ވިސްނުން ފުޅު ކަމަށް އެމަނިކުފަނު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެނެފެސްޓޯގައި ބަރުލަމާނީ ނިޒާމަށް ޕާޓީއިން އެދޭކަން ހަމަކޮށްފާނެ ކަމަށާއި އެއީ ޕާޓީގެ އަމާޒެއް ކަމަށެވެ.
އަދި އޭރުގައި ސަރުކާރު ކޯލިޝަން ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީ އާއި އެމްއާރްއެމްއިން ރަށްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އެއްބަސްވެފައި ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ނަގަން އެމްޑީޕީގެ މެމްބަރުންނާއި ރައީސް ސޯލިހް އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ދެކޮޅު ނުހަދާނެ ކަމަށެވެ.
މީގެ އިތުރުން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބަސް ވެވުނީ ދައުރުގެ މެދުތެރެއިން ފެންނަ ނުފެންނަ ވޯޓް ނަގަން ކަމަށެވެ. އަދި މިހާރު އެކަން ކުރަން ލަސްވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނުނަގައި ރަށްޔިތުންގެ ތާއިދު ހުރި މިންވަރެއް ނޭންގޭނެ ކަމަށެވެ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ ވޯޓް ނެގުން ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. މިކަމާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެއީ އެމަނިކުފާނު ސިޔާސީ ގޮތުންދެކޭގޮތް ކަމަށެވެ. އަދި އެމްޑީޕީޑީގެ އަސާސީ ގަވައިދުގެ ދަށުން އިންތިހާބުގައި ވާދަކުރުމާއި ކެމްޕޭން ކުރުމަށް ވެސް ޖާގަ ލިބޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ވެސް އެމްޑީޕީގެ މެމްބަރެއް ކަމަށެވެ. އަދި އެ ހައިސިއްޔަތުން ލިބޭ ހައްގުތައް ބޭނުން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.