ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވުމަކީ ގައުމަށް ލިބޭ ކުރިއެރުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިއްޔެ ބޭއްވި އިންތިހާބުގައި ކާމިޔާބު ހޯދި އެމްޑީޕީގެ މެމްބަރުންނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ޑިމޮކްރެސީގެ ރޫހުގައި މެމްބަރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ވިދާޅުވެފައިވަނީ އެއީ ގައުމަށާއި ޕާޓީއަށް ކޮށްދޭ މަތިވެރި ހިދުމަތެއް ކަމަށެވެ.
އޭގެ ފަހުން ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މެމްބަރުންނަށް ވަކިން މަރުހަބާ ދަންނަވާފަ އެވެ.
"ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބް ވުމަކީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެމްޑީޕީ ދެ ފެކްޝަނަށް ބެހިފައިވާއިރު އިއްޔެގެ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ތާއީދު ކުރާ މެމްބަރުންނެވެ. އިންތިހާބުގައި ކާމިޔާބު ހޯދި 75 ޕަސެންޓް ކެންޑިޑޭޓުންނަކީ ރަައީސް ސޯލިހުގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ.
މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އިބްރާހިމް އަމީރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފަދަ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުން ވަނީ ގައުމީ މަޖިލީހުގެ އައު ދައުރުންވެސް ފުރުސަތު ހޯއްދަވާފަ އެވެ. އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމުގެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފަ އެވެ.
މި އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް ނަޝީދު ތާއީދުކުރައްވާފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުންނަށެވެ.