ދުނިޔެ

ލިތުއޭނިއާ ގެރިމަސް ޗައިނާއަށް އެތެރެކުރުން މަނާކޮށްފި

ލިތުއޭނިއާ ގެރިމަސް ޗައިނާއަށް އެތެރެކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އިން މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްއިން އާންމުކުރި ލިޔުމެއް ބުނާ ގޮތުން ފެބްރުއަރީ ނުވަޔަކުން ފެށިގެން ލިތުއޭނިއާ ގެރިމަސް ޗައިނާއަށް އެތެރެ ނުކުރެވޭނެ އެވެ. އަދި އެހެން އަމުރަކުން މިކަން އުވާލެވެންދެން މިގަވާއިދު ދެމިއޮންނާނެ އެވެ.

ޗައިނާ އަކީ ވަރަށް ގިނައިން ގެރިމަސް ބޭނުންކުރާ ގައުމެކެވެ. ޗައިނާގެ ނޫސްތަކުން ބުނާ ގޮތުން ލިތުއޭނިއާއިން ގެރިމަސް އެތެރެ ނުކުރުމަކުން ޗައިނާގެ ގެރިމަސް މާކެޓަށް ލޮޅުމެއް ނާރާނެ އެވެ.

މާކެޓް ދިރާސާކުރާ މީހުން ބުނާ ގޮތުން ޗައިނާގެ އާބާދީއަށް ފުދި އިތުރުވާ ވަރަށް ޗައިނާއަށް ގެރިމަސް އެތެރެ ކުރެ އެވެ. އަދި ރަނގަޅު ސްޓޮކެއް އަބަދު ވެސް ދަމަހައްޓަ އެވެ.

ޗައިނާ އާއި ލިތުއޭނިއާ ސިޔާސީ ކޮޅިގަނޑެއްގައި ޖެހިގެން މިއުޅެނީ ޓައިވާން މައްސަލާގަ އެވެ. ލިތުއޭނިއާ އިން ވަކި ކޮޅެއް ނަގައި ޓައިވާނަށް ސަޕޯޓްކުރާ ކަމަށް ބުނުމާ ގުޅިގެން ޗައިނާ އިން ވަނީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

ލިތުއޭނިއާގައި ޓައިވާން ރަމްޒުކުރުމަށްޓަކައި އެމްބަސީ އޮފީހެއް ވެސް ވަނީ ހުޅުވާފަ އެވެ.

ޗައިނާ ބުނާ ގޮތުން ޓައިވާނަކީ މިނިވަން ދައުލަތެއް ނޫނެވެ. އެހެންކަމުން ދުނިޔޭގެ ގައުމުތަކުން ޓައިވާނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދޭން ބޭނުންވި ނަމަވެސް އެއީ އެގޮތަށް ކުރެވެން އޮންނަ ކަމެއް ނޫނެވެ.

ލިތުއޭނިއާގެ މިއަމަލުތަކަށް ޗައިނާ ދިން ރައްދެއް ގޮތުން، ޗައިނާއާ އޮތް ގޮތް ގުޅުމުގެ ފެންވަރު ވަނީ ދަށްކޮށްފަ އެވެ. އަދި ލިތުއޭނިއާއާ އެކު ވެފައި ހުރި ބައެއް އެއްބަސްވުންތަކަށް އަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

ޗައިނާއިން ލިތުއޭނިއާ އަށް ޖެއްސުންކުރާ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަނުން ވަނީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ، ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިޔުޓީއޯ)ގައި ޝަކުވާކޮށްފަ އެވެ.

ޔޫރަޕިއަން ޔޫނިއަނުން ބުނާ ގޮތުން ޗައިނާގެ މިއަމަލަކީ ތަފާތުކުރުމެވެ. ޔޫރަޕިއަން ޔޫނިއަންގެ މި ގޮވާލުމުގައި އިނިގިރޭސިވިލާތާއި އެމެރިކާ ވެސް އޮތީ ބައިވެރިވެފަ އެވެ.