އެމްޑީޕީގެ ވެރިކަމެއް އަބަދަށްމެ އޮތުމަށް އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ގާނޫނު އަސާސީ ބަދަލުކުރުން މުހިންމު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ފާޑުވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީ ބަދަލު ކުރަން ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ރައްދު ދެއްވާ ހީނާ ވިދާޅުވީ ވެރިކަމުގައި އަބަދު އޮންނަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ވީ "އަބަދުމެ ވެރިކަމުގައި އޮންނަނީ އެމްޑީޕީ" މިހެން ލިޔެފައި ކަމަށެވެ. އަދި އަބަދުމެ ވެރިކަމުގައި ހުންނަވާނީ ރައީސް ނަޝީދު ކަމަށް ގާނޫނު އަސާސީގައި ލިޔަންވީ ކަމަށް ވިދާޅުވެ ހީނާ ވަނީ ނަޝީދަށް ފާޑުވިދާޅުވެފައެވެ.
"އޭރުން ޑިމޮކްރަސީ އަބަދުމެ ފުރާ ފުރިހަމަވެފައި އޮންނާނެ،" ޕީޕީއެމްގެ އިސް ތަރުޖަމާންގެ މަގާމުގައިވެސް ހުންނެވި ހީނާ ވިދާޅުވިއެވެ.
ހީނާ ވަނީ ޑިމޮކްރަސީގެ ޗެމްޕިއަން ކަމަށް ބުނާ މީހެއްގެ ގޮވާލުމަކީ އެއީ ކަމަށް ވިދާޅުވެ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ގާނޫނު އަސާސީ ބަދަލުކުރުން މުހިންމު ކަމަށް ނަޝީދު ވިދާޅުވީ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައެވެ.
ނަޝީދު ވިދާޅުވީ އެ އުސޫލަށް ގާނޫނު އަސާސީ ބަދަލު ކުރުން މުހިންމު ވަނީ އެމްޑީޕީން އަބަދަށް ވެރިކަމުގައި ތިބުމަށެވެ.
"އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް އަޅުގަނޑުމެން ބަދަލުވުން. 'ޕަސްޓް ޕާސް ދަ ޕޯސްޓް' އަށް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ބަދަލުވުން. އެހެން ނަމަވެސް 30 ޕަސެންޓަށް ވުރެ ދަށްވެއްޖެނަމަ އަލުން އަނބުރާ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބޭއްވުން. އެ އުސޫލަށް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފާހަގަ ވާނެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މިރާއްޖޭގައި އަބަދަށްމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށްވެސް އޮތުމަށް އެ ގޮވަމުންދާ ގޮތުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.