ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ރ. މީދޫއަށް ވަޑައިގެންފި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރ. މީދޫއަށް ވަޑައިގެންފި އެވެ.

ރައީސް ޔާމީން މީދޫއަށް ވަޑައިގެންފައި މިވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން މީދޫގައި ހިންގާ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެމަނިކުފާނު މީދޫއަށް ވަޑައިގެންނެވިއިރު ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ދެންނެވުމަށް ޖަމާވެފައެވެ.

އެ ހުރިހާ ރައްޔިތުންވެސް ތިބީ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބޭނުން ކުރާ ރަތް ކުލައިގެ ޓީޝާޓް ލައިގެންނެވެ.

މީދޫގައި ރައީސް ޔާމީން އިސްކޮށް ހުންނަވާ ހާއްސަ ހިނގާލުމެއް ބާއްވާނެ އެވެ. އަދި އެ ރައްޔިތުންނާއި މުހާތަބު ކުރައްވާ އެމަނިކުފާނު ވާހަކަ ދައްކަވާފައެވެ.

ރައީސް ޔާމީން މިނިވަންވި ފަހުން އިންޑިއާ އައުޓްގެ ހަރަކާތްތައް އަތޮޅުތަކުގެ ތެރެއަށް ފުޅާ ކުރައްވައި، ރަށް ރަށަށް ވެސް ވަނީ ވަޑައިގަންނަވަން ފައްޓަވާފަ އެވެ. މާލެ އަތޮޅުގެ ރަށްތަކުން އެމަނިކުފާނު ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި ފ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެންމެ ފަހުން މި ހަރަކާތަށް އެމަނިކުފާނު ވަޑައިގެންނެވީ ރ. ދުވާފަރަށެެވެ.

އިންޑިއާ އައުޓްގެ ހަރަކާތްތައް އިދިކޮޅުން މުޅި ރާައްޖެއަށް ފުޅާކޮށްފައިވާ އިރު މި ހަރަކާތް ގާނޫނީ ގޮތުން ހުއްޓުވައި ކުށަކަށް ހަދަން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ އެމްޑިޕީން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.