ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން މީދޫއަށް ވަޑައިގަންނަވަނީ

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރ. މީދޫއަށް ވަޑައިގަންނަވަން ނިންމަވައިފި އެެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަވަސްއަށް ވިދާޅުވީ ރައީސް ޔާމިން މީދޫއަށް ވަޑައިގަންނަވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން މީދޫގައި ހިންގާ ހަރަކާތުގައި ބައިވެރިވެލެއްވުމަށް ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތް މީދޫގައި އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.

ހީނާ ވިދާޅުވީ މީދޫގައި ބާއްވާ ހަރަކާތުގައި ބައިވެރިވާން ރ. އަތޮޅުގެ އެހެން ރަށްރަށުން ވެސް މީހުން އެ ރަށަށް ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ރަށް ރަށަށް ވެސް އިތުރަށް ފުޅާކުރާނެ ކަމަށެވެ.

ރައީސް ޔާމީން މިނިވަންވި ފަހުން އިންޑިއާ އައުޓްގެ ހަރަކާތްތައް އަތޮޅުތަކުގެ ތެރެއަށް ފުޅާ ކުރައްވައި، ރަށް ރަށަށް ވެސް ވަނީ ވަޑައިގަންނަވަން ފައްޓަވާފަ އެވެ. މާލެ އަތޮޅުގެ ރަށްތަކުން އެމަނިކުފާނު ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި ފ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެންމެ ފަހުން މި ހަރަކާތަށް އެމަނިކުފާނު ވަޑައިގެންނެވީ ރ. ދުވާފަރަށެެވެ.

އިންޑިއާ އައުޓްގެ ހަރަކާތްތައް އިދިކޮޅުން މުޅި ރާައްޖެއަށް ފުޅާކޮށްފައިވާ އިރު މި ހަރަކާތް ގާނޫނީ ގޮތުން ހުއްޓުވައި ކުށަކަށް ހަދަން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ އެމްޑިޕީން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ޑްރާފްޓް ކޮށްފައިވާ ބިލް މަޖިލީހަށް ހުށަހެޅުމާ މެދު މިއަދު އެމްޑީޕީން ގޮތެއް ނިންމާނެ އެވެ.

މިބިލްގައިވާ ގޮތުން ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާ އެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާ އަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެކެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެކެވެ. އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބުނެފައިވެ އެވެ.

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.

އިންޑިއާ އައުޓް ހަރަކާތާ ގުޅޭ މައްސަލައެއް މަޖިލީހުގެ 241 ކޮމިޓީން ވެސް ދަނީ ބަލަމުންނެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ

އިންޑިއާ އައުޓްގެ ހަަރަކާތް ހުއްޓުވަން ބިލު ފަރުމާކުރަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނީ އެ ހަރަކާތް ނުހުއްޓުވާނެ ކަމަށެވެ.