އެމްޑީޕީ

ހަސަންގެ ހިދުމަތަށް ޝުކުރުއަދާކޮށްފި

Feb 12, 2022

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ހަސަން ލަތީފް ކުރެއްވި މަސައްކަތްތަކަށް އެ ޕާޓީން ޝުކުރު އަދާކޮށްފި އެވެ.

ހަސަން ލަތީފް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ ފަސް އަހަރު ކުރިން ފެބްރުއަރީ 12، 2017 ގައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފަސް އަހަރު ވަންދެން ފުރުއްވި ހަމައެކަނި ބޭފުޅަކީ ވެސް ހަސަން ލަތީފް އެެވެ.

އެމްޑީޕީން ބުނީ ހަސަން ލަތީފް އެ ޕާޓީގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވައި، އެ މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމަށް ގިނަ ގުނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ.

އިދާރީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މެދުގައި މަސްލަހަތު ހިފެހެއްޓުމަށް އަދާކުރެއްވި ޒިންމާއިން ފެށިގެން ޕާޓީގެ އެކިއެކި ގުނަންތައް ވަރުގަދަކުރުމާއި މެމްބަޝިޕް އިތުރުކުރުމާއި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ނަގަހައްޓައި ދީފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"މިދިޔަ ސަރުކާރުގެ ހުދުމުހުތާރު އަނިޔާވެރިކަމުގެ ތެރޭގައި ވެސް މި ޕާޓީ ރުކުރުވާލައި، ސިޔާސީ ހަރަކާތްތައް އެންމެ މަތީ ދަރަޖައަކަށް އިންތިޒާމްކޮށްދެއްވައި ސާބިތުކަން ހިފަހައްޓަވާދެއްވުމުގައި ޗެއާޕާސަންގެ ހައިސިއްޔަތުން އެމަނިކުފާނު ލީޑަޝިޕް ދައްކުވައިދެއްވާފައިވެ އެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ހަސަން ލަތީފްގެ ޗެއާޕާސަަން ކަމުގައި އެމްޑީޕީގެ އެންމެ މުހިއްމު އެއް މަގުސަދު ކަމުގައިވާ އެކިއެކި ގައުމީ އިންތިހާބުތަކަށް ޕާޓީގެ ފަރާތުން ވާދަކޮށް ހުރިހާ އިންތިހާބެއް ޕާޓީއަށް ކާމިޔާބުކޮށްދީފައިވާ ކަމަށެވެ.

"ހަސަން ލަތީފުގެ އިހްލާސްތެރި ހިދުމަތްތަކަށް ޝުކުރު ދަންނަވާހިނދު، އެމަނިކުފާނަށް އިތުރު ކާމިޔާބަށް މި ޕާޓީން އެދެމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.