މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް -- ކ. ކުޑަގިރީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
ސަރުކާރުން ހަވާލުކޮށްގެން ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެެވެ.
އެއް ފަހަރާ 150 މީހުންނަށް ނަމާދުކުރެވޭ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފަ އެެވެ.
މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެެވެ.
މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަން ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އެހީތެރިކަމުގަ އެވެ.
އެމްޓީސީސީން ބުނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީކޮށް އަންނަ މަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ޕިކްނިކް އައިލެންޑް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 150 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރަންޖެހޭ ގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. މިމަޝްރޫއަށް 41.4 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.