ރައީސް މުހައްމަދު ނަޝީދު

ނަޝީދު މި ހިންގަވަނީ ކޮން މަގަކުން؟

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައެޅުން ވެގެންދާނީ އެ ޕާޓީގައި މިހާރު އޮތް ބަދަހި ކަމާއި ގަދަ ކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ކުރީއްސުރެ އޮތީ ބެލެވިފައެވެ. އެއީ 2023 ގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުމުގެ ޝައުގުވެރިކަން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅު ކުރައްވާފައި އޮތުމުންނެވެ. އެމަނިކުފާނު މި ޝައުގުވެރިކަން ފާޅުކުރެއްވިއިރު އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. އެ މަގަށް އެމަނިކުފާނުގެ އެެންމެ ވަފާތެރި މެންބަރުން ގެންދެވީ ސީދާ ރައީސް ސޯލިހްގެ އިރުޝާދަށް މަސައްކަތް ކުރައްވަމުންނެވެ.

އެ މަސައްކަތް ރައީސް ސޯލިހް ކުރައްވަމުން ގެންދެވީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކުރައްވައިގެންނެވެ. އެއީ ކުރައްވަން ޖެހިވަޑައިގަންނަވާނެ ބުރަ މަސައްކަތްޕުޅު އިހުސާސް ކުރެއްވޭ މިންވަރުން ކަމަށްވެސް ވެދާނެ އެވެ. ޔަގީނުންވެސް ރައީސް ނަޝީދު އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކަށް ވެވަޑައިގަންނަވާނީ ރައީސް ސޯލިހެވެ. ރިޔާސީ ޓިކެޓް ހޯއްދެވުމަށް ދެ ރައީސުން ޕްރައިމަރީ އަކަށް ނިކުންނަވަން ޖެހިވަޑައިގެންފިނަމަ އެކަމުން މަސްލަހަތު ގޯސްވެ ނަތީޖާ ނިކުމެދާނެ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ސޯލިހަށެވެ.

އެހެން ކަމުން އެންމެ މުނާސަބު ވަގުތު ރިޔާސީ ދެވަނަ ދައުރެއްގެ އިއުލާނު ކުރެއްވުން ފަސް ކުރައްވައިގެން ހުންނެވީ އެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި ސަރުކާރުގެ އިސްވެރިން މެދުވެރިކުރައްވާ ދެވަނަ ދައުރެއްގެ ވާހަކަ އެކި ސިފަ ސިފާގައި އެމަނިކުފާނު ގެންދެވީ ދައްކަވަމުންނެވެ. ޕްރޮޖެކްޓްތައް ފުރިހަމަ ކުރުމަށް ދެވަނަ ދައުރެއް ބޭނުން ކަމަށް ތަރުޖަމާން މެދުވެރި ކުރައްވާ ވިދާޅުވިއެވެ. ބައެއް މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހައްގު ކަމަށާ ދެވަނަ ދައުރެއްގައި ކުރައްވަން ގަސްތު ކުރައްވާ ކަންކަންވެސް ވިދާޅުވެފައި އެބަހުއްޓެވެ. އަދި ބައެއް ދަތުރުތަކުގައި އެމަނިކުފާނު ވަޑައިގަންނަވާއިރު "އިބޫ 2023" ގެ ބެނާތަކުން ރަށްތައް ޒީނަތްތެރިކޮށް ވަނީ އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށެވެ.

ކަންކަން އެ މަގުން ހިނގާ ދަނިކޮށް ރައީސް ނަޝީދު ވަނީ 2023 ގެ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ދެ ރައީސުންގެ ވާދައަކަށް ޕްރައިމަރީ ވެދާނެ ނޫންތޯ އެހުމުން ދެވަނަ ދައުރެއްގެ ޝައުގުވެރިކަން ރައީސް ސޯލިހް ފާޅުކުރައްވާފައި ނުވާ ކަމަށް ވިދާޅުވެ ޖަވާބު ދެއްވެވިއެވެ. ނަމަވެސް ދެވަނަ ދައުރެއްގެ ޝައުގުވެރިކަން އެމަނިކުފާނާ އެއް މިންވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ރައީސް ސޯލިހްގެ ހުރިކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކަށް ނަޝީދު ވެވަޑައިގަންނަވާނެ އެވެ.

އެކަމުގެ ހެއްކަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅާލާ ދެ ރައީސުންނަށް ފުރުސަތު އޮންނަ މަގުން ކަންކަަން ކުރެއްވުމަށް ނަޝީދު ކުރެއްވި މަސައްކަތްޕުޅެވެ. އެ މަސައްކަތްފުޅަށް ރައީސް ސޯލިހްގެ ފަރާތްޕުޅުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތީ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމަކީ ވަރަށް މުހިންމު އިންތިހާބުތަކެއްގެ ތާރީހު ކަނޑައެޅުމަށް ބޭއްވި ބައްދަލްވުމެކެވެ. އެންމެ ހާއްސައީ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅުމެވެ. ނަމަވެސް ގައުމީ މަޖިލީހުގެ ކުރީން ރައީސް ނަޝީދު ވަނީ އެކަން ހުއްޓުވާފައެވެ. އެމަނިކުފާނުގެ ނަޒަރުގައި ރިޔާސީ ޕްރައިމަރީގެ ކުރީން އޮންނަން ވީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ކޮންގްރެސް އެކެވެ. އެއީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބައިވަރު ބަދަލުތައް ހުރުމުން އެ ނިންމުންތަކާމެދު ގޮތް ނިންމުމަށެވެ.

އެހެން ކަމުން ރައީސް ނަޝީދުގެ ވަފާތެރި މެންބަރަކު މެދުވެރިކޮށް އެ ހުށައެޅުން ގައުމީ މަޖިލީހަށް ހުށައަޅުއްވާ ފާސްކުރެއްވިއެވެ. ގައުމީ މަޖިލީހުގެ ޖަލްސާގެ ކުރީން އެމަނިކުފާނު ގެންދެވީ ގާނޫނު އަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައްވެސް ހާމަކުރައްވަމުންނެވެ. ގައުމީ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި އެ ވާހަކަފުޅުތައް ރަސްމީ ކުރެއްވެވިއެވެ. ފުރަތަމަވެސް ފާޅު ކުރެއްވީ އެމަނިކުފާނުގެ ޝައުގުވެރިކަން ކުޑަ ނަމަވެސް އެމްޑީޕީން ކުރީން ވެފައިވާ ވައުދުތަކާއި ގުޅުންހުރި ބަދަލުތަކުގެ ވާހަކައެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ސާފުކޮށް ލިޔުމާއި އެމަނިކުފާނާއި އެކުވެރީން މިހާރު ހިމެނޭ ޖޭއެސްސީ ބަދަލު ކުރުމާއި މިނިވަން މުއައްސަސާތަކާއި ގުޅޭ ކަންކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ދައުރުން ދައުރަށް އިތުރުވިޔަ ނުދިނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާ ގުޅޭ ވާހަކަތަކެވެ.

އޭގެ ފަހުން އެމަނިކުފާނުގެ މިވަގުތުގެ އެންމެ ބޮޑު ޝައުގަކާއި ފޯކަހެއް އެ މަސައްކަތަކަށް އޮތް އިސްލާހުގެ ވާހަކަ ގެންނެވިއެވެ. ވިދާޅުވީ ރިޔާސީ އިންތިހާބެއްގައި 30 ޕަސެންޓް ވޯޓް ލިބިވަޑައިގަތަސް ވެރިކަމަށް ވަޑައިގަތުމަށް ފުރުސަތު ތަނަވަސް ވާން ޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ބޭފުޅަކަށް ވޯޓްލީ މީހުންގެ 50 ޕަސެންޓް އަދި އިތުރަށް އެއް ވޯޓް ލިބެން ޖެހޭ ކަމަށް ގާނޫނު އަސާސީގައި އޮންނަ އޮތުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެކަން ކުރަން ޖެހޭ ސަބަބުވެސް ގަސްތުގައި ނުވަތަ ގަސްތުން ބޭރުގައި ނަމަވެސް އެމަނިކުފާނަށް ވިދާޅުވެވުނެވެ. ވިދާޅުވީ އެކަން ކުރަން ޖެހެނީ "ތާއަބަދަށް" އެމްޑީޕީ ވެރިކަމުގައި އޮތުމަށް އެދޭ އެދުން ހާސިލުވާން އޮތީ އެ މަގުން ކަމަށްވާތީ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވުމުގެ ކުރީން ހަމަ އެ ދުވަހު އެމްޑީޕީގެ އިސް ބޭފުޅުންނާ ހިއްސާ ކުރެއްވި މެސެޖެއްގައި އެ މަގުން ނޫނީ ދެން އެމްޑީޕީއަށް ވެރިކަން ދިފާއު ކުރެވޭނެ ގޮތެއް ނެތް ކަމަށް އޮތީ ވިދާޅުވެފައެވެ.

އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް އަޅުގަނޑުމެން ބަދަލުވުން. 'ޕަސްޓް ޕާސް ދަ ޕޯސްޓް' އަށް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ބަދަލުވުން. އެހެން ނަމަވެސް 30 ޕަސެންޓަށް ވުރެ ދަށްވެއްޖެނަމަ އަލުން އަނބުރާ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބޭއްވުން. އެ އުސޫލަށް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފާހަގަ ވާނެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މިރާއްޖޭގައި އަބަދަށްމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށްވެސް އޮތުމަށް އެ ގޮވަމުންދާ ގޮތުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭ
ރައީސް މުހައްމަދު ނަޝީދު | އެމްޑީޕީގެ ގައުމީ މަޖިލީސް

ނަޝީދުގެ މި ހުށައެޅުއްވުމާއެކު ވަރަށް ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. މިވަރުގެ ބޮޑު ބަދަލެއް ގާނޫނު އަސާސީއަށް ގެނައުމަށް އެމަނިކުފާނު އެ މަސައްކަތް ފެއްޓެވި ސަބަބާއި ނިޔަތާމެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މިދިޔަ ދިގު މުއްދަތުގައި ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދެވުމަށް ދެއްކެވި ވާހަކަފުޅުތަކުގެ ހަނދާން މިހާރު ހުރި މިންވަރާމެދުވެސް ސުވާލު އުފައްދައެވެ.

ސިޔާސީ ވަރަށް ގިނަ ބޭފުޅުންގެ ނަޒަރުގައި ނަޝީދުގެ މި ހުށައެޅުއްވުމަކީ ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގެ ބައެކެވެ. މި އިސްލާހު ގާނޫނު އަސާސީއަށް ގެންނަން މަސައްކަތް ކުރައްވަނީ ސީދާ އެމަނިކުފާނު ރިޔާސަތަށް ވަޑައިގަތުމުގެ އެދުންފުޅުގައެވެ. އެއީ ރައީސް ސޯލިހަކަށް އެމްޑީޕީއަކަށް ހެވެއް އޮވެގެން ކުރައްވާ މަސައްކަތްޕުޅެއް ނޫނެވެ.

"އެ ވިދާޅުވަނީ ކޯލިޝަން ނެތި ވެރިކަމަށް އާދެވޭނެ މަގެއްގެ ވާހަކަ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ނަޝީދު ވެވަޑައިގަތަސް ވެރިކަމަށް ވަޑައިގަތުމަށް އަދި އެތައް ހުރަހެއް އެބައޮތް. ކޮންމެ ފަހަރަކުވެސް ރައީސުލްޖުމްހޫރިއްްޔާގެ މަގާމަށް ބޭފުޅަކު ވަޑައިގަންނަވަނީ ކޯލިޝަނެއްގެ އެހީގައި. އެއީ ހަގީގަތް. ނަމަވެސް ފުޅާ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު އެންމެ ހަނި ބޭފުޅަކީ ނަޝީދު. އެހެންވީމަ އެ ނޫން ގޮތެއް ހޯދުން އެމަނިކުފާނަށް މަޖުބޫރު. އެ މަސައްކަތް އެ ކުރައްވަނީ،" މަޖިލީހުގައި ދެ ދައުރު މިހާރުވެސް ފުރިހަމަ ކުރައްވާފައިވާ މެންބަރަކު ވިދާޅުވިއެވެ.

އެ މެންބަރު ވިދާޅުވި ގޮތުގައި ކޯލިޝަނަކުން ނޫން ގޮތަކަށް ވެރިކަމެއް ގާއިމު ކުރެވެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން މުޅީން ގޯހެއް ނޫނެވެ. އެއީ އެއްވެސް ވެރިއަކަށް ކޯލިޝަން ޕާޓީތަކާއެކު ވެރިކަން ކުރައްވަން ފަސޭހަނުވުމެވެ. ނަމަވެސް އެއީ ސަބަބެއް ކަމަށް ދެކި 30 ޕަސެންޓް ވޯޓް ލިބިގެން ރައީސުލްޖުމްހޫރިއްޔާ ކަމަށް އާދެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ.

"އޭރުން އެ ރައީސަކު މި ވަނީ 70 ޕަސެންޓް ރައްޔިތުންގެ ތާއީދު ނެތް ވެރިއަކަށް. މިއީ ހަމަޖެހޭ ގޮތެއް ނޫން. ކޯލިޝަން ދެމެހެއްޓުމުގައި ކިތަންމެ ގޮންޖެހުމެއް އޮތަސް ރައްޔިތުންގެ މެޖޯރިޓީ ނެތި އެއްވެސް މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު އޮވެގެން ނުވާނެ،"

ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި 30 ޕަސެންޓް ވޯޓުންވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު ހޯއްދަވަން ނަޝީދު މަސައްކަތް ފެއްޓެވީ ބަރުލަމާނީގެ ހުވަފެންފުޅު ހަގީގަތަކަށް ނުވާނެ ކަން ޔަގީންވެވަޑައިގަތުމުންނެވެ. ރައީސް ސޯލިހް އެ ފުރުސަތު އެމަނިކުފާނަށް ދެއްވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތުމުންނެވެ.

އެހެން ކަމުން ކޮންމެ ގޮތެއް ވަރިހަމަ ކޮށްފައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނަޝީދު ނިކުންނަވާނީ އެވެ. އަދި ރައީސް ސޯލިހާ ވާދަކުރައްވަން ޖެހިވަޑައިގަތަސް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީން ކަން އޮތުމުން ދެން ހުރި ހުރަސްތައް އޭގެ ކުރީން ނައްތަވާލައްވަން މަސައްކަތް ކުރައްވަނީ އެވެ.

އެ ފުރުސަތު ރައީސް ސޯލިހް ދެއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

"ހަގީގަތުގައި ނަޝީދަށް އަދިވެސް ގްރާސްރޫޓްގެ ވަރަށް ބޮޑު ތާއީދެއް އޮންނާނެ. އެހެންވީމަ ގައުމީ މަޖިލީހުން ގޮތްތަކެއް ނިންމާފާނެތީ އެމަނިކުފާނު އަބަދުވެސް ކޮންގްރެސްގެ ވާހަކަ އެ ދައްކަވަނީ. އަޅުގަނޑު ދެކޭ ގޮތުގައި ނަޝީދުގެ ވިސްނުންފުޅު އެ ހުރީ ވެވުނު ގޮތަކުން ވެރިކަމަށް ވަޑައިގަތުމަށް. އެކަމަށްޓަކައި މިހާރު އެ ހިންގަވަނީ ވަރަށް ހުތުރު މަގަކުން. ނަމަވެސް އެއީ އެމަނިކުފާނަށް މިހާރު މައްސަލައެއް ނޫން،" ކުރީން މަޖިލީސް މެންބަރުކަން ކުރައްވާފައިވާ އަދި މިހާރު ވަޒީރެއްގެ ފެންވަރު މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ނަޝީދުގެ އެންމެ ވަފާތެރި މެންބަރުން މި ވާހަކަތަކާ ދެކޮޅު ހައްދަވައެވެ. މާލޭގެ ދާއިރާއެއް ތަމްސީލު ކުރައްވާ އެމްޑީޕީގެ މެންބަރަކު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއަށް ގެންނަން މަސައްކަތް ކުރާ އިސްލާހުގެ މަގުސަދަކީ ކޯލިޝަންގެ ބައިބައިވުމާ ތަޅާފޮޅުން ނެތް ސަރުކާރެއް ގެނެސް ރައްޔިތުންނަށް ހަގީގީ ހިދުމަތް ދޭނެ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގުމަށް ފުރުސަތު ހޯދުމެވެ.

އެ މެންބަރު ވިދާޅުވި ގޮތުގައި މިހާރު އޮތް ސަރުކާރުން ކޯލިޝަން ދެމެހެއްޓި ނަމަވެސް އެމްޑީޕީން ބޭނުންވާ ތަރައްގީ އަށް އޮތް ހުރަހަކީ ސަރުކާރުގައި މިހާރު އޮތް އެހެން ޕާޓީތަކެވެ. އެހެންވީމަ އެ ނޫން ގޮތެއް ހޯދަން ޖެހެއެވެ. އަނެއްކޮޅުން ކޮންމެ ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއް އޮންނަން ޖެހުމަކީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތަށް އޮތް ބުރައެކެވެ. އެކަން ނިމުމަކަށް ގެނައުމަކީވެސް ނަޝީދުގެ ވިސްނުންފުޅެކެވެ.

"މިއީ ގައުމަށް ފައިދާ ހުރި ގޮތް. މިއީ ވަކި ބޭފުޅަކަށް ފައިދާ ހުރި ގޮތެއް ނޫން. އަބަދު ކޯލިޝަންގެ ބައިވެރިން ކިހިލި ޖަހައިގެން އެ މީހުންގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ނުދެވި ތަރައްގީ ނުގެނެވި ފަސް އަހަރު ނިމިގެންދާ ދިއުން ހުއްޓުވަން މި ނިކުތީ. މިކަމުން ނިކުންނާނެ އަނެއް ރަނގަޅަކީ ހަރަދު ކުޑަ ސަރުކާރެއްވެސް އެކުލަވާލުން. މިހާރު ސިޔާސީ މަގާމުތައް ހަތަރު ފަސް ޕާޓީއަށް ބަހަން ޖެހުންވެސް އޭރުން ހުއްޓުވޭނެ،" އެ މެންބަރު ވިދާޅުވިއެވެ.

ބައެއް ބޭފުޅުންގެ ނަޒަރުގައި ނަޝީދު މިއަދު ކުުރައްވާ މަސައްކަތްޕުޅަކީ މުޅި ނިޒާމު ހަރާބު ކުރެއްވުމުގެ މަސައްކަތްޕުޅެކެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި ކިތަންމެ ބޮޑު އަޣުލަބިއްޔަތެއް އޮތަސް އެމްޑީޕީގެ ކޮންގްރެސް އިން ނިންމާ ނިންމުންތަކެއްގެ މައްޗަށް ބިނާކޮށް މުޅި ރައްޔިތުން އަމަލު ކުރަން ޖެހޭ ގާނޫނު އަސާސީއަކަށް ބަދަލު ގެނެވިގެން ނުވާނެ އެވެ.

އެކަން ކުރަން މިހާރު ދިމާކުރައްވާފައި ވާ ގޮތުން އެކަމުން "އަމިއްލަ އެދުން" ނޫން އެއްވެސް ކަމެއް ނުފެނެއެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް އާއި އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން މޫސާ މަނިކާއި އެމްޑީޕީ ތަމްސީލުކުރި މަޖިލީހުގެ ކުރީގެ މެންބަރު ރިޓަޔާޑް އިބްރާހިމް ދީދީ ދެކެވަޑައިގަންނަވާ ގޮތުގައިވެސް 30 ޕަސެންޓް ވޯޓުން ވެރިކަމަށް އާދެވޭނެ މަގެއް ހޯދަން ކުރައްވާ މަސައްކަތަށް ފުރުސަތު ދެވިގެން ނުވާނެ އެވެ. އެއީ މެޖޯރިޓީ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް އެ ބޭފުޅުންވެސް ދެކެވަޑައިގަންނަވައެވެ.

ނަޝީދުގެ ބާރުއެޅުއްވުމާއެކު ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގޮތުން އެމްޑީޕީގެ ކޮންގްރެސް އޮންނާނީ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެެހެން ކަމުން މި މައްސަލާގައި އެމްޑީޕީގެ ހަގީގީ ވިސްނުން ހާމަވާނީ ކޮންގްރެސްގެ ނިންމުން ތަކުންނެވެ. ނަޝީދުގެ އިސްލާހަށް ބުރާސްފަތި ދުވަހުގެ ރޭ ގެ ގައުމީ މަޖިލީހުގައި ފާޑުވިދާޅުވުމެއް ނުފެނެއެވެ. މި މައްސަލާގައި ގައުމީ މަޖިލީހުގެ ޖަލްސާ އޮތް ރޭގެ ކުރީން ސިންގަޕޫރަށް ވަޑައިގެންނެވި ރައީސް ސޯލިހްގެ ވިސްނުންފުޅެއް އަދި ހާމައެއް ނުކުރައްވައެވެ. ވަރަށް ފަހުން ނޫނީ ކޮންމެހެން އެއްޗެއް ވިދާޅުވާން ޖެހިވަޑައިގަތުމުން ނޫނީ ރައީސް ސޯލިހް މި މައްސަލާގައި އެއްޗެއް ވިދާޅެއް ނުވާނެ އެވެ. އެހެންވީމަ ނަޝީދުގެ އިސްލާހަށް އެމްޑީޕީ ދެކޭ ގޮތް އަދި އެ އިސްލާހު ގެންނަން އެ ކުރައްވާ މަސައްކަތުގެ ހަގީގީ ބޭނުން ބަލައިލާ ސާފުކޮށްލަން އަދި މަޑުކޮށްލަން ޖެހެއެވެ.