އައްޑޫގައި ފަތުރުވެރިކަމުގެ މަސައްކަތްތަކަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ބައެއް ބިންތައް އައްޑޫ ސިޓީ ކައިޮންސިލްގެ ދަށަށް ބަދަލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައި އޮތް 91 ބިމުގެ ތެރެއިން 31 ބިމެއް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލާ ހަވާލުކޮށްފަ އެވެ.
ބަދަލުކުރެވުނު ބިންތަކުގެ ތެރޭގައި ހިމެނެނީ ފޭދޫ ޓޫރިޒަމް ޒޯނުން ދޫކުރި 12 ބިމަކާއި، ހުޅުދޫ ޓޫރިޒަމް ޒޯނުން ދޫކުރި ނުވަ ބިމަކާއި، ހިތަދޫ ޓޫރިޒަމް ޒޯނުން ދޫކުރި ހަތް ބިމަކާއި، މީދޫ ޓޫރިޒަމް ޒޯނުން ދޫކުރި ދެ ބިމެއްގެ އިތުރުން މަރަދޫ ޓޫރިޒަމް ޒޯނުން ދޫކުރި ބިމެކެވެ.
މިދިޔަ އަހަރުގެ މާޗް މަހު ބިންތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރިއިރު އެ ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއި ކުރީ ޓޫރިޒަމް މިނިސްޓްރީންނެވެ.
ބިންތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ލާމަރުކަޒީ ގާނޫނުގެ ތެރެއިންނެވެ.
އައްޑޫ ޓުއަރިޒަމް ޒޯނުން ބިންތައް ހަވާލު ކުރެވިފައިވާ ފަރާތްތަކުގެ އެއްބަސްވުންތައް އައްޑޫސިޓީ ކައުންސިލްގެ ދަށަށް ޓުއަރިޒަމް މިނިސްޓްރީން ބަދަލުކޮށްފިއެވެ.
މިބަދަލު ގެނައުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ. އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެެވެ
އައްޑޫގައި ފަތުރުވެރިކަމުގެ މަސައްކަތްތަކަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ބައެއް ބިންތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރިއިރު ބައެއް ޒޯންތައް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.