ދުނިޔެ

އެމެރިކާ ސަބްމެރީނެއް ރަޝިއާ ކަނޑަށް ވަދެއްޖެ

އެމެރިކާގެ އަސްކަރީ ސަބްމެރީނެއް ރަޝިއާ ކަނޑަށް ވަތް މައްސަލަ ބޮޑުވެއްޖެ އެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ބުނީ އިންޒާރު ދިނުމުން ވެސް ފުރަތަމަ ކިޔަމަން ނުވި ކަމަށާއި އެކަމަކު ފަހުން ސަރަހައްދުން ނުކުތް ކަމަށެވެ.

ރަޝިއާ ޑިފެންސް މިނިސްޓްރީން ބުނީ އެމެރިކާ މަނަވަރު ވަދެގަތީ ރަޝިއާ ކަނޑުގެ ސިފައިން ތަމްރީންތަކެއްގައި އުޅެކިކޮށް ކަމަށާއި އެވަރުން ވެސް އެމެރިކާއަށް ގޯހެއް ހެދިއްޖެކަން ގަބޫލު ނުކުރާނެ ކަމަށެވެ.

ސަބްމެރީން ފެނުމާއެކު ކަނޑުން މައްޗަށް ތިލަވުމަށް، އިނގިރޭސި ބަހުންނާއި ރަޝިއާ ބަހުން އެންގި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އަދި ކިޔަމަން ނުވުމުން އަސްކަރީ އުކުޅުތައް ބޭނުންކުރަން ޖެހުނު ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިކަން ހިނގައި ދިޔަ ގޮތް އޮޅުން ފިލުވުމަށް ރަޝިއާގައި ތިބޭ އެމެރިކާގެ ގުޅުން ހުރި އޮފިޝަލުން ޑިފެންސް މިނިސްޓްރީއަށް ހާޒިރުކުރި ކަމަށް ވެސް ރަޝިއާގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާގެ އަސްކަރީ ސަބްމެރީނެއް ރަޝިއާ ކަނޑުގެ ސަރަހައްދަށް ވަނުމަކީ ބައިނަލްއަގްވާމީ ގަވާއިދުގައި މަނާކަމެއްކަން އެމެރިކާ އޮފިޝަލުންނަށް ހަނދާންކޮށްދެވިފައި ވާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރިން ބުންޏެވެ.

ރަޝިއާ އާއި ދުނިޔޭގެ ގައުމުތަކާ އެކު މިވަގުތު އޮތް ހާލަތަށް ބަލާއިރު އެމެރިކާ އެކުރީ ރަޝިއާއަށް ނުރައްކާވާ ވަރުގެ އަމަލެއް ކަމަށް ރަޝިއާ ބުނެ އެވެ. އަދި އެއީ ގަސްދުގައި ރަޝިއާއަށް ޖެއްސުންކޮށް ރުޅިއަރުވަން ކުރި ކަމެއް ކަމަށް ރަޝިއާ ބުނެ އެވެ.