އިމްތިޔާޒު ފަހުމީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން އިންތި ނިންމައިފި

އެމްޑީޕީގެ ޗެެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ޗެެއާޕާސަން ކަމަށް އިންތި ގެނައުމަށް ސޯޝަލް މީޑިއާގައި ބަޔަކު ކެންޕެއިން ކުރަމުން ދަނިކޮށް އިންތި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން ނިންމެވިކަން މިރޭ އިއުލާނު ކުރައްވާފައެވެ.

އެމްޑީޕީގެ ދިދަ އެއް ހިމެނޭ ފޮޓޯއަކާއެކު އިންތި ކުރެއްވި ޓްވީޓެއްގައި އެކަން އިއުލާނު ކުރެއްވުމުން ވަރަަށް ގިނަ ބަޔަކު ދަނީ އިންތިއަށް ތާއީދު ކުރާ ކަން ހާމަ ކުރަމުންނެވެ. އެމްޑީޕީގެ ވަރަށް ހިދުމަތްތެރި އެތައް ބަޔަކުވެސް އިންތިގެ ނިންމުމަށް މަރުހަބާ ކިޔާ ތާއީދު ކުރާކަން ހާމަ ކޮށްފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަންގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާ މަގާމަށް މީހަކު އައްޔަނު ކުރަންޖެހެ އެވެ. އެ މަގާމުގައި ވޭތުވެދިޔަ ފަސް އަހަރު ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މިއީ މި މަގާމުގައި ދައުރު ހަމަކުރެއްވި ފުރަތަމަ މެމްބަރެވެ.

ޗެއާޕާސަން ހޮވުން އޮތީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ. ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.