ފައްޔާޒް އިސްމާއީލް

ޗެއާޕަސަންގެ މަގާމަށް ކުރިމަތިލަނީ ޕާޓީ ހަރުދަނާ ކުރަން: ފައްޔާޒު

Feb 13, 2022
2

އެމްޑީޕީގެ ޗެެއާޕާސަން ކަމަށް ކުރިމަތިލެއްވީ ޕާޓީ އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެ ފައްޔާޒު މިއަދު ވަނީ ރަސްމީކޮށް އެކަން އިއުލާން ކުރައްވާފަ އެވެ.

ފައްޔާޒު ވިދާޅުވީ އޭނާގެ އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކުރުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުން ކަމަށެވެ.

"ލޮބުވެތި މެންބަރުންގެ ތާއީދަށް އެދެން. މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމާ މެދު ޝައްކެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރެއްވީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. ނަމަވެސް އަމްރު މިހާރު ވަނީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމަވާފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން ޒުވާނުންގެ ޔޫތު ވިންގު އަދި އަންހެނުންގެ ރޫހުގެ އިންތިހާބަށް ކުރިމަތިމަތިލުމުގެ ފުރުސަތު ހުޅުވާލީ އިއްޔެގެ ވަގުތެއްގަ އެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 22 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ. އަދި އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭޕްރީލް 16 ވަނަ ދުވަހު އެވެ.